ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކ. ގުރައިދޫގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން ބާއްވާ މަސައްކަތު ބައްދަލުވުންތައް މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.
ގުރައިދޫ ކައުންސިލާއި ރަށުގެ މުހިއްމު ހުރިހާ މުއައްސަސާތަކުން ބައިވެރިވާ މި މަސައްކަތު ބައްދަލުވުމާ ގުޅޭގޮތުން އެންޑީއެމްއޭގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް، ރިސާޗް އެންޑް އެޑްވޮކަސީ ޙަސަން ޒިޔާޢު ވިދާޅުވީ، ފުރަތަމަ ތިން ދުވަހު ކުރިއަށްދާނީ ރަށުގެ މުއައްސަސާތަކާއި ކަމާގުޅުންހުރި ފަރާތްތައް ބައިވެރިވެގެން ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ.
ޒިޔާޢު އިތުރަށް ވިދާޅުވީ، ޕްލޭން އެކުލަވާލުމަށްފަހު ފަހު ދެ ދުވަހު ކުރިއަށްދާނީ ކޮމިއުނިޓީ ބޭސްޑް އެމަރޖެންސީ ރެސްޕޮންސް ޓީމް (ސާޓް) ތަމްރީން ކުރުމުގެ މަސައްކަތް ކަމަށެވެ. "ފަހު ދެ ދުވަހު ކުރިއަށްދާނީ ސާޓް ނުވަތަ ކަމެއް ދިމާވެއްޖެ ހާލަތެއްގައި ހަރަކާތްތެރިވާނޭ ބޭފުޅުން ތަމްރީން ކުރުން" ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ ރަށު ފެންވަރުގައި ކާރިސީ ހިރާސްކުޑަކޮށް، ކާރިސާގެ ހާލަތަކަށް ތައްޔާރުވެ، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އެކުލަވާލާފައިވާ "ކޮމިއުނިޓީ ބޭސްޑް ރެސިލިއަންސް ބިލްޑިންގ ފްރޭމްވޯކް" ގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި މަސައްކަތަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ ލަގްޒަންބާގް، ޑެންމާކް އަދި ދެކުނު ކޮރެއާގެ އެހީގައި ޔޫއެންޑީޕީން ހިންގާ "ރިޑްސް އިން ސިޑްސް" ޕްރޮގްރާމުންނެވެ.
ކުރިން ބޭނުންކުރަމުން އައި ސީބީޑީއާރުއެމް ފްރޭމްވޯކް އިސްލާހުކޮށް، އައު ފްރޭމްވޯކްގެ ދަށުން މިހާތަނަށް ރާއްޖޭގެ 72 ރަށެއްގައި ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެންޑީއެމްއޭއިން ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ރަށްރަށުގައިވެސް މި މަސައްކަތް ކުރިއަށް ގެންދިއުމަށް އެ އޮތޯރިޓީން ވަނީ ރާވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.