ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމަށްޓަކައި، ރައްޔިތުން ވޯޓު ދިނީ މީހާގެ ރީތި ކަމަކަށް ބަލާފައި ނޫންކަމަށާއި، ހުސަހެޅި ސިޔާސަތުތައް ތަންފީޒު ކުރަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ. އަހުމަދު ޒާހިރު މިހެން ވިދާޅުވީ މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ނައިފަރު ދައިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހަޅުއްވާފައިވާ ލާމަރުކަޒީ ދައިރާތައް އިދާރާތީ ދާއިރާ ހިންގުމުގައި ކައުންސިލްތަކަށް ދިމާވާ، ދަތިތައް ހައްލު ކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ޤަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އަހުމަދު ވިދާޅުވީ އިހުލާސްތެރިކަމެއްނެތި އެއްވެސް ނިޒާމެއް ރަނގަޅަކަށް ތަންފީޒު ނުކުރެވޭނެކަމަށެވެ. ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހުތައް ގެނައީ ކޮމެޓީގައި ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާކޮށްގެން ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. ޤާނޫނު ހަދާފައި ދެދުވަހުން އެއްދުވަހު ޤާނޫނަށް އިސްލާހު ހުށަހަޅާނަމަ އޭގެ މަންފާ ނުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އަހުމަދު ވިދާޅުވީ މިކަން ކުރެވޭނީ ބަރުލަމާނީ ނިޒާމު ގެނެސްގެންކަމަށެވެ.

މަޖިލީހުން ފާސްކުރާ ޤާނޫނުތަކަށް ދެދުވަހުން އެއްދުވަހު އިސްލާހު ލީމާ ކޮންތާކުތޯ މިޖެހެނީ. ލާމަރުކަޒީ ނިޒާމު ނުހިންގޭނެ ރިޔާސީ ނިޒާމެއް އޮވެގެން. ބަރުލަމާނީ ނިޒާމު އައިސްގެން ލާމަރުކަޒީ ނިޒާމު ހިންގޭނީ. ރިޔާސީ ނިޒާމުގައި މިވާގޮތަކީ ވަޒީރުން ބޭނުންވީމާ، ބޭނުން ކަމެއް ކުރަންވީމާ މިތާގައި 65 މެމްބަރުން ތިބީމާ އެބޭނުންވާ ކަމެއް ބަދަލުކޮށްލަން ވަގުތުން ވަގުތަށް އިސްލާހެއް ލައިގެން ހަމަ ނިޒާމު އޮޅާލަނީ.

– އަހުމަދު ޒާހިރު ވިދާޅުވިއެވެ. އަހުމަދު ވިދާޅުވީ ރައްޔިތުން މިސަރުކާރަށް ވޯޓު ދިނީ ސިޔާސަތު ހިންގަންކަމަށެވެ. މީހާ ރިތިކަމަކަށް ނޫންކަމަށެވެ.

ރައްޔިތުން ވޯޓު ދިނީ ނިޒާމަށް. ސިޔާސަތަށް ވޯޓު ދިނިީ. ޖަޒީރާ މެނިފެސްޓޯއަށް ވޯޓު ދިނީ. އެނޫން ގޮތަކަށް ސިޔާސަތު ތަންފީޒު ކުރަން ހަދައިގެން މިހެން މިވަނީ. އިހުލާސްތެރިކަމެއް ނެތުނީމާ އެއްކަމެއްވެސް ނުވަނެ.

– އަހުމަދު ޒާހިރު ވިދާޅުވިއެވެ. މިޖަލްސާގައި އަހުމަދު ޒާހިރުވަނީ މިނިސްޓަރ އަމީރަށްވެސް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އަދި ގައްދޫގެ ތަރައްޤީއަށް އަމީރު ހުރަސް އަޅާކަމުގެ ތުހުމަތުވެސް އަހުމަދު ޒާހިރު ވަނީ ކުރައްވާފައެވެ.