އަންނަ ހޮނިހިރުދުވަހު ބާއްވަން ހަމަޖެހިފައިވާ ބާ އިމްތިހާނުގެ ތާވަލަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތްކަމަށް ބާ ކައުންސިލުން ނިންމައިފިއެވެ.

ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބާ އިމްތިހާނާއި ގުޅިގެން ބައެއް ދަރިވަރުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން އެކްސްކޯއިން އިއްޔެ ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަމަށާއި ގާނޫނީ ވަކީލުންގެ ހުއްދަ ދޫކުރުމާ ބެހޭ ގަވާއިދުގައި އިމްތިހާނު ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީހުގެ 90 ދުވަސް ކުރިން އެ ތާރީހު އިއުލާން ކުރަން ބަޔާންކޮށްފައި އޮންނަކަމަށެވެ. އެ ގޮތުގެ މަތިން މާޗު މަހު ވަނީ ޖޫން 25 ގައި އިމްތިހާން އޮންނާނެ ކަމަށް އެބަޔާނުގައި އިއުލާން ކޮށްފައިވެއެވެ.

މީގެއިތުރުންް ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ބާ އިމްތިހާނު ފަރުމާކުރުމަށް ފާއިތުވި ތިން އަހަރުގެ ތެރޭގައި މާލީ އަދި އިދާރީ ގޮތުން އެތައް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެއީ ކުއްލިއަކަށް އައި އިމްތިހާނެއް ކަމަށް ބައެއް މީހުން ބުނަމުންދިޔަ ނަމަވެސް އެ އިމްތިހާނާ ގުޅޭ ގޮތުން މިހާތަނަށް ދިޔައީ މައުލޫމާތު ފޯރުކޮށްދެމުން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެ ސަބަބުތަކާއި ގުޅިގެން، އަންނަ ހޮނިހިރު ދުވަހު ބާއްވާ އިމްތިހާނު ފަސްކުރެވެން ނެތް ކަމަށް ވަނީ ކަނޑައަޅައިފައެވެ.