ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރަތްކޮށްފައިވާ ވިނަރެސް ފުލެޓުތަކަކީ މި ސަރުކާރުގެ ފުރިހަމަ މަސައްކަތެއް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ވިނަރެސް ފުލެޓުގެ މަސައްކަތް ކުރި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އިން ވަނީ ވިނަރެސް ފުލެޓުތައް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކުރުމަށް ވިނަރެސް ފުލެޓް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އަސްލަމް ވިދާޅުވީ، ވިނަރެސްގެ 1،344 ޔުނިޓުގެ މަސައްކަތް ފެށުނީ 2009 ވަނަ އަހަރު އޭނާ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ކަމަށެވެ. އަދި މިއަދު އެ މަސައްކަތް ނިންމައި ހަވާލުކުރުމުގެ ރަސްމިއްޔާތައް އޭނާ ވަޑައިގެންނެވީ ވަރަށް ފަހުރުވެރިކަމާއެކުގައި ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ދެހާސް ނުވަ ވަނަ އަހަރު ވިނަރެސް ފުލެޓް އެޅުމަށް އެއްބަސްވުމުގެ ދަށުން 1،000 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ އީޕީސީ ކޮންޓްރެކްޓުގައި ސޮއިކުރެއްވީ އޭނާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އޭގެ ދަށުން ހިންގި 1،500 ހައުސިން ޔުނިޓްގެ އީޕީސީ ކޮންޓްރެކްޓުގައި ވެސް ސޮއިކުރެއްވި ކަމަށް ވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

އަސްލަމް ވިދާޅުވީ އޭގެފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަސައްކަތުގެ އީޕީސީ ކޮންޓްރެކްޓުގައި ސޮއިކުރެވުނަސް އެ ޕްރޮޖެކްޓް އުފަންވީ އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަން، ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށެވެ.

ޔާމީންގެ ވެރިކަމުގައި ވިނަރެސް ފުލެޓުގެ މަސައްކަތް ފެށިފައިވަނީ ދައުރުގެ އެންމެ ފަހު ދުވަސްތަކުގައި ކަމަށާއި މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު، ވިނަރެސް ފުލެޓްތަކުގެ ފައުންޑޭޝަން މަސައްކަތް ވެސް ނުފަށާ ކަމަށެވެ.