މިއަދު ހެނދުނު ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓަށް ހުރަސްއަޅާ ހަމަލާދިން މައްސަލަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީން ކުށްވެރިކޮށްފިއެވެ.
އެކަމާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ޤައުމީ ސްޓޭޑިއަމްގައި މިއަދު ހެނދުނު ހިންގި ހަރަކާތަށް ހުރަސްއަޅާ، ބައިވެރިންނަށް ހަމާލާދިން ބިރުވެރި އަމަލު، އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި މިބާވަތުގެ ނުބައި އަދި އަނިޔާވެރި ޢަމަލުތަކަކީ، އަޅުގަނޑުމެންފަދަ ޞުލްޙަވެރި ޑިމޮކްރެޓިކް މުޖުތަމަޢެއްގައި އެއްވެސް ޖާގައެއް އޮތް ކަމެއް ކަމަކަށް މި ޕާޓީ އަކުން ނުދެކޭ ކަމަށާއި، މި މައްސަލައިގެ ސީރިއަސް ތަޙުޤީޤެއް ފެށުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް މަރުޙަބާ ދަންނަވައި، މިހާތަނަށް ހައްޔަރުކުރެވުނު މީހުން ވެސް ހިމެނޭގޮތަށް، މިކަމަށް ޒިންމާވާ ފަރާތްތަކާ މެދު އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އަދި ހަމަ އެހެންމެ، 2015 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ޔޯގާ ދުވަސް މި ޤައުމުގައި ފާހަގަކުރަމުން އަންނަކަންވެސް އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.