ރާއްޖޭގެ ފުރަތަމަ "ސްޕޭސް މިޝަން" ގެ ޓީމު އެކުލަވާލައިފި އެވެ.
އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން އެކުލަވައިލި ހަތް މެމްބަރުންގެ އެ ޓީމުގައި ހިމެނެނީ އުމުރުން 30 އަހަރުން ދަށުގެ ހަތް ޒުވާނެކެވެ. އެއީ ދެ އަންހެނަކާއި ފަސް ފިރިހެނެކެވެ.
އައިޖީއެސް އިން ބުނީ އެ ޓީމުގައި ހިމެނެނީ އެރޯސްޕޭސް އިންޖިނިއަރުންނާއި އިލެކްޓްރޯނިކްސް އަދި މެކޭނިކަލް އިންޖިނިއަރުންގެ އިތުރުން ކޮމްޕިއުޓާ ސައިންސް ދާއިރާގެ ގްރެޖުއޭޓުން ކަމަށެވެ. އެއީ އިލްމީ ގޮތުންނާއި ހުނަރުގެ ގޮތުން ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ގިނަ ޒުވާނުން ހިމެނޭ މިޓީމުގައި، އެއިރޮސްޕޭސް އިންޖިނިއަރުންނާއި އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް އަދި މެކޭނިކަލް އިންޖިނިއަރުންގެ އިތުރުން ކޮމްޕިއުޓަ ސައިންސް ދާއިރާގެ ގްރެޖުއޭޓުން ހިމެނެއެވެ.
އައިޖީއެސް އިން ބުނީ ރާއްޖޭގެ ފުރަތަމަ ސްޕޭސް ޓީމުން ނެނޯސެޓެލައިޓް އިންޖިނިއަރިން ޕްރޮފެޝަނަލް ކޯސް ފުރިހަމަކޮށްފައިވާ ކަމަށެވެ. ސެޓެލައިޓް ޑިޒައިންކޮށް، ބިލްޑްކޮށް، ލޯންޗްކޮށް ސައިންޓިފިކް ރިސާޗް ހަދަން ދަސްކޮށްދޭ މިކޯސް ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުންނެވެ. ކޭއެސްއެފް ސްޕޭސް ފައުންޑޭޝް އަކީ ސްޕޭސް އިލްމު ފުޅާކޮށް، ސެޓެލައިޓް ލޯންޗްކޮށްދިނުމުގައި އެހީތެރިކަން ފޯރޮކޮށްދޭ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސް ގެ ސައިންސްވެރިންނާއި ތަޖުރިބާކާރުން ހަރަކާތްތެރިވެވަޑައިގަންނަވައެވެ. ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން ކުރިއަށްގެންދާ އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވިގޮތުގައި މި މިޝަންގެ މަސައްކަތް ތާވަލާ އެއްގޮތަށް ބަރާބަރަށް ކުރިއަށް ދެއެވެ. ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ މެއިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ. ފުރަތަމަ މިޝަންގެ އަމާޒަކީ ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް ހަދާ ޓެސްޓް ކުރުމެވެ. މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަބެލުމުގެގޮތުން ހަދާ ސެޓެލައިޓެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.