ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ކޮއްކޯފުޅު ބާސިލް ރާޖަޕަކްސަ ސްރީލަންކާ ދޫކޮށް ފުރައިގެން ދާން މިއަދު އުޅުމުން، އެއާޕޯޓްގެ ތެރޭގައި ފަސެންޖަރުން މުޒާހަރާކޮށް އަޑުގަދަ ކުރުމުން، ނުފުރިގެން އެނބުރި ގެއަށް ވަޑައިގެންފި ކަމަށް ސްރީލަންކާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ސްރީލަންކާގެ މިޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކަރްނާޓަކާ އެއާޕޯޓުން ފުރަން ބާސިލް މަސައްކަތް ކުރުމުން އެއާޕޯޓްގެ ބައެއް މުވައްޒަފުން ވެސް ވަނީ އެއާޕޯޓްގެ އެތެރޭގައި ބާސިލް އާއި ދެކޮޅަށް އަޑުއުފުލާފައެވެ. ބާސިލް ރާޖަޕަކްސާގެ ފުރުން އާއްމުން ހުއްޓުވާފައިވާ ކަމަށް ސްރީލަންކާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް، ސްރީލަންކާގެ ރަސްމީ އެއްވެސް ފަރާތަކުން މިކަން ކަށަވަރު ކޮށްދީފައި ނުވެއެވެ.
ބާސިލް ރާޖަޕަކްސާ އަކީ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މިހާގެ މެމްބަރުކަންވެސް ކުރައްވާ ބޭފުޅަކަށް ވުމުގެ އިތުރުން، ކުރީގެ ރައީސް ރާޖަޕަކްސަގެ ވެރިކަމުގައި 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ހަމައަށް ސްރީލަންކާގެ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރުކަންވެސް ކޮށްފައިވާ ބޭފުޅެކެވެ. އަދި ގޮތަބަޔާގެ ވެރިކަމުގައި ބާސިލް ހަވާލުވެ ހުންނެވީ ފިނޭންސް މިނިސްޓަރު ކަމާއިއެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުން، ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިޤުތިޞާދީ ދަތި ހާލަތު ކުރިމަތިވުމުގެ އެއް ސަބަބުކަމުގައި، ބާސިލްގެ ނާގާބިލްކަން ވެގެންދެއެވެ. އަދި ސަރުކާރާއި ދެކޮޅަށް ގިނަ ރައްޔިތުންތަކެއް އެއްވެ މުޒާހަރާ ކުރަން ފެށުމުން ބާސިލް ވެސް ވަނީ ޖޫން މަހުގެ 09 ވަނަ ދުވަހު ފިނޭންސް މިނިސްޓަރު ކަމުން އިސްތިއުފާ ދީފައެވެ.
ސްރީލަންކާގެ ރައީސް ގޮތަބަޔާ ވެސް ގައުމު ދޫކޮށް ވަޑައިގެންފައިވާ ކަމަށް އިއްޔެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވެފައިވެއެވެ. ނަމަވެސް ފަހުން ވިދާޅުވީ އެހެން ވިދާޅުވެވުނީ އޮޅިގެން ކަމަށާއި ގޮތަބަޔާ ގައުމުގައި އެބަ ހުންނެވި ކަމަށް ފަހުން ވިދާޅުވެފައި ވެއެވެ. ގޮތަބަޔާ އާއި ބާސިލަކީ ވެސް އެމެރިކާގެ ރައްވެހިކަން އޮންނަ ދެބޭފުޅުންނެވެ. އަދި އެބޭފުޅުންގެ ދަރިން ވެސް ދިރިއުޅެނީ އެމެރިކާގައި ކަން ފާހަގަކޮށްލެވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.