ލަންކާ މިވަގުތު އޮތް ހާލަތުގައި ލަންކާގެ ރައީސްއަށް ރާއްޖެއިން ހިމާޔަތްދީގެން ލަންކާގެ ރައްޔިތުންނަށް އެއްވެސް ބަޔަކު ޚިޔާނާތްތެރި ވެގެން ނުވާނެކަމަށް ރާއްޖޭގެ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިހާލަތަކީ ލަންކާގެ އެތައް ރައްޔިތުންނެއް ބިކަ ހާލުގައި ޖެހިފައިވާ ދަނޑިވަޅަކަށްވާއިރު، މިހާލަތުގައި އެރަށްޔިތުންނާއިމެދު އަޅާލުމަކީ ކޮންމެހެން ބޭނުން ތެރިކަމެއްކަމަށެވެ. މިދުވަސްވަރަކީ ލަންކާގެ ރައްޔިތުންނަށް އެންމެ ދަތި އަދި އިޤްތިސާދީ ގޮތުން އަދަވަޅަކަށް ވެއްޓިފައި އޮތް ވަގުތެއް ކަމަށާއި އަދަވަޅުން އަރައިގަތުމަށް ރަނގަޅު ލީޑަރެއް ވީހާވެސް އަވަހަށް ބޭނުންވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ދިވެހިން ލަންކާއަށް ބޭވަފާތެރިވެގެން ނުވާނެކަމަށް ރައީސް ޑރ.ވަހީދު ވަނީ ގޮވާލާފައެވެ.

ލަންކާގެ އިޤްތިސާދީ ހާލަތު ދަށްވަމުން ގޮސް ތެލާއި ކާބޯތަކެތީގެ ބާވަތްތައް ހުސްވެ، އެ ތަކެތި ހޯދުމަށް އެ ޤައުމުގެ ރައްޔިތުން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުންނެވެ. މިކަމާ ގުޅިގެން ހުކުރު ދުވަހު ފެށި ސިލްސިލާ މުޒާހަރާތަކާ އެކު މުޒާހަރާގެ ބައިވެރިން ވަނީ ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރުގެ ގެކޮޅަށް ވެސް ވަދެ އެ ތަންތަން ހިސާރު ކޮށްފައެވެ. ރައްޔިތުން ހާލުގައި ޖެހި ވެރިރަށް ކޮލަމްބޯގައި ފެށި މުޒާހަރާތަކުގެ ބައިވެރިން ރިޔާސީ ގަނޑުވަރަށް ވަދެ އެ ތަން ހިސާރު ކުރުމާ ގުޅިގެން ރާޖަޕަކްސަ ވަނީ އިސްތިޢުފާ ދެއްވާފައެވެ. އައު ސަރުކާރެއް އެކުލަވައިލުމަށް ފުރުޞަތު ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް، އޭގާ ކުރިން، އޭނާ މި ވަނީ ފިއްލަވައިގެން ފުރާވަޑައިގަންނަވާފައެވެ. އޭނާއާއެކު އަނބިކަނބަލުންނާއި ދެ ހަށިފާރަވެރިން ދަތުރު ކުރި ކަމުގައި ރޮއިޓަރސްއިން ބުނެފައިވެއެވެ.

ލަންކާގެ މިހާރުގެ ރައީސް އިސްތިއުފާ ދެއްވުމަށް ރައްޔިތުން ގޮވަމުންދާއިރު، ލަންކާގެ ރައީސް ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށް ޖާދަގީ ރާއްޖެއިން ޢަމަލުކޮށްފައިވާ ގޮތާއިމެދު ރައީސް ޑރ.ވަހީދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.