ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފި އެވެ.

ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދު ހެނދުނު 10:30 އިން ފެށިގެން ހަވީރު 16:30 އަށް ހުދު ސަމާލު ނެރެފައިވާކަމަށް މެޓް އޮފީހުން މަޢުލޫމާތު ދެއެވެ. މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ. މެޓް އޮފީހުން ވަނީ މިއަދު މެންދުރު ފަހު 14:30 އަށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ވެސް ހުދު ސަމާލު ނެރިފަ އެވެ. އެ ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 20 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 ގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ. މެޓް އޮފީހުން ވަނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމުގެ އިންޒާރު ދީފައެވެ. މެޓް އޮފީހުން ބުނީ މި ވިއްސާރައިގައި ހާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވުމާއިއެކު ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށެވެ. އެހެންވެ، ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.