ހުވަދު އަތޮޅު ކަނޑުހުޅުދޫ ކުޅިވަރާއި މުނިފޫހި ފިލުވުމަށް އަދި ރަށުގެ ތަރައްޤީ އަށް ވަރަށް ޖޯޝާއި ފޯރީގައި މަސައްކަތް ކުރާ އެކުވެރި ރައްޔިތުން ތަކެއް ދިރިއުޅޭ ރަށެކެވެ. ރަށުގައި ބާއްވާ ކޮންމެ ހަރަކާތެއް ވެސް ކުރިޔަށް ގެންދާނީ އޭގެ ނަތީޖާ އެންމެ ފުރިހަމަ ކޮށް ހާސިލު ކުރުމަށް ޢަޒުމު ކަނޑައަޅައިގެންނެވެ. މޯލްޑިވްސް އެތުލެޓިކްސް އެސޯސިއޭޝަންގެ ފަރާތުން ގދ ތިނަދޫ ގައި ކުރިޔަށް ގެންދިޔަ އެސްޓީއޯ މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022 އަށް ގއ ކަނޑުހުޅުދޫ ސްކޫލް ދަތުރު ފެށީ ކުރިން ދެންނެވި ވަރުގަދަ ރޫޙުގައެވެ. ދުރާލައި ތައްޔާރު ވެގެންނެވެ. މިފަހަރުގެ މުބާރާތުގައި 4 އުމުރުފުރައަކުން 36 ކުއްޖަކު ވާދަ ކުރިއެވެ. އޭގެ އިތުރަށް 10 އޮފިޝަލުން މުބާރާތުގައި ހިމޭނުން އިރު ރަށުން ބައެއް ބެލެނިވެރިންނާއި މުދައްރިސުން ވެސް ތިނަދޫ އަށް އައެވެ.
ކޯޗު ރިފާއު ރަޝާދުގެ ބަސް: "އަޅުގަނޑަކީ ކުރިން އެތުލެޓިކްސްގެ ބައެއް ޙަރަކާތްތައްކުގައި ބައިވެރިވެ، އެކަމުގެ ޝައުޤުވެރިކަން ވަރަށް ބޮޑަށް ހުންނަ މީހެއް. އަދި ރައުހަތު ސްޕޯޓްސް އާ ވަރަސް ގާތް ގުޅުމެއް އޮންނާތީ، މިކުޅިވަރު މިރަށުގައި ފެއްޓުމަށް އަޅުގަނޑު ގަސްތި ކުރީ. އެގޮތުން 2016 ވަނަ އަހަރުގައި ވެސް އައްޑޫ މުބާރާތަށް ޓީމު ގެންދިއުމަށްޓަކައި ޕްރެކްޓިސްކޮށް ފުރަން ތައްޔާރުވި ހިސާބުން (H1N1)އެޗް1އެން1 ބަލި ރާއްޖޭގައި ފެތުރި މުބާރާތް ހުއްޓާލަން ޖެހުނީ. އޭގެ ފަހުން ވެސް ގދ.އަތޮޅު ކައުންސިލު މުބާރާތުގައި ވާދަކުރުމަށް ތައްޔާރުވިނަމަވެސް އެކަން ކާމިޔާބު ބާގޮތެއް ނުވީ. އެހެންނަމަވެސް މިފަހަރު ބޭއްވުނު މުބާރާތުގައި ވާދަ ކުރުމަށް އަޅުގަނޑު އެންމެ ފުރަތަމަ ހިޔާލު ދިނީ ސްކޫލު ޕީޓީއޭ އަށް. ދެން ޕީޓީއޭގެ ފަރާތުން ސްކޫލުގެ އެސްއެމްޓީއަށް ހުށަހަޅައިގެން އެޕްރޫވް ލިބުނީ. މިކަން މިހިސާބަށް ގެންދިޔުމުގައި ސުކޫލުގެ ޓީޗަރު ނިޔާޒު އަބްދުﷲ، ފާތިމަތު އާމިރާ، އާނިސާ ހަބީބު ދެއްވި އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަ ކުރަން."
މުބާރާތުން ލުބުނު ކާމިޔާބީއަކީ: 13 އަހަރުންދަށުގެ ފިރިހެން ޑިސްކަސް ތުރޯ އިން ރަންމެޑަލް 15 އަހަރުންދަށުގެ ފިރިހެން ޑިސްކަސް އިން ރިހި މެޑަލް 15 އަހަރުންދަށުގެ ފިރިހެން ޝޮޓްޕުޓް އިން ބްރޮންޒްމެޑަލް 15 އަހަރުން ދަށުގެ އަންހެން ޓްރިޕްލް ޖަމްޕް އިން ރަންމެޑަލް(މަކިޓާ ރިކޯޑު) 15 އަހަރުންދަށުގެ ފިރިހެން 800މީޓަރު އިން ރިހި މެޑަލް، މީޓް ރެކޯޑާއެކު 17 އަހަރުންދަށުގެ އަންހެން ޖުވެލިން އުކުމުން ރަންމެޑަލް، މީޓް ރެކޯޑާއެކު 17 އަހަރުންދަށުގެ ފިރިހެން ޑިސްކަސް އިން ބްރޮންޒް މެޑަލް 17 އަހަރުންދަށުގެ ލޯންގްޖަމްޕް(ދިގުފުންމުން)އިން ރިހިމެޑަލް 19 އަހަރުންދަށުގެ ފިިރިހެން ޑިސްކަސް އިން ބްރޮންޒްމެޑަލް 19އަހަރުންދަށުގެ ފިރިހެން އިން ޝޮޓްޕުޓް އިން ބްރޮންޒް މެޑަލް ވަނީ ހޯދާފައެވެ. ޓީމް ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް ރަށުގެ ކުދިބޮޑު އެންމެން ޖެޓީއަށް ނުކުމެ، ކުޅިވަރުގެ ރޮގުން ދުވަހަކުވެސް ނުކިޔާވަރުގެ މަރުޙަބާއެެއް ކިޔެވެ. ބޮޑުބެރާއެކު ޓީމް ދިޔައީ ޝަރަފުވެރިކަމާއެކުގައެވެ. ކާމިޔާބި ފާހަގަ ކުރުމުގެ ގޮތުން ގިނަ ޙަރަކާތްތަކެއް ވަނީ ރޭވިފައެވެ.









ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.