ހުޅުމާލޭ އަތިރިމަތިން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެއެވެ.

އިއްޔެ ހަވީރު 17:38 އެހާކަންހާއިރު ހުޅުމާލެ ރެޑްބުލް ޕާކްއާ ދިމާލަށް އަތިރިމަތިން އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް ފެނިފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ރޭގައި ހާމަކޮށްފިއެވެ.

އެ ކަށިތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.

ކަށިތަށް ފެނިފައިވަނީ ކުނިތަކަކާއި މަސްހިފާ ޒާތުގެ ދާ ގަނޑަކާއެކު ލައްގާފައި އޮއްވަ އެވެ.

އިންސާނެއްގެ ކަށިތަކެއް ހުޅުމާލެއިން ފެނުނުއިރު، ވ. އަތޮޅު ފަޅެއް ކައިރިން މިދިޔަ ހަފުތާގައި ވަނީ އިންސާނެއްގެ ހަށިގަނޑު ވެސް ފެނިފަ އެވެ. ފުލުހުން ބުނީ ވެމްޕަރު ފަޅުގެ ހުޅަނގު އުތުރުން ފެނުނު ހަށިގަނޑުގެ ޑީއެންއޭ އެނަލިސިސް ހަދަމުން އަންނަ ކަމަށެވެ. އެކަމަށް ގިނަ ވަގުތު ނަގާނެ ކަމަށާއި އެނަލިސިސް ނިމުމުން އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.