މާލޭގެ ބޮޑުތަކުރުފާނު މަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތިން އޮންނަ އެއްގަމު ތޮށިގަނޑަކީ ދިފާއީ ވުޒާރާގެ ބޭނުންތަކަށް ހާއްސަ ސަރަޙައްދެއްގެ ގޮތުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ކަނޑައަޅައިފިއެވެ.
އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިން އިން ފެށިގެން އެމް.އެން.ޑީ.އެފްގެ ދޮށިމޭނާ ބިލްޑިންގާ ހަމައަށް އަލަށް ތަރައްގީކުރި އެއްގަމު ތޮށިގަނޑަކީ ދިފާއީ އަދި ވަޠަނީ ހިދުމަތްތަކަށް ހާއްސަ ކުރެވިފައިވާ ތަނެކެވެ. މި ނިންމުމާއެކު، މިއަދުން ފެށިގެން އެ ސަރަޙައްދުގެ ފަޅުތެރެއަށް ދިފާޢީ ވުޒާރާގެ އުޅަނދުފަހަރު ފިޔަވައި އެހެން އެއްވެސް އުޅަނދެއް ކައިރިކުރުމާއި ބަނދަރުކުރުމަކީ މަނާކަމެއް ކަމަށް އެ ވުޒާރާއިން ވަނީ އަންގަވާފައެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން އެ ސަރަޙައްދު ތަރައްގީ ކުރަމުންދިޔަ ދުވަސްވަރު، އާންމުންނަށް ލަފާފުރުމުގެ ފަސޭހަ އިންތިޒާމުތަކެއް ވަގުތީ ގޮތުން ހަމަޖައްސާފައި އޮތެވެ. ނަމަވެސް މަގުގެ މަސައްކަތް ނިމި، މިހާރު މަގު އާންމު ދަތުރުފަތުރަށް ހުޅުވާލާފައިވާއިރު، އާންމު ބޭނުންތަކަށް ލަފާފުރާނެ ވަކި ސަރަހައްދުތަކެއް މިހާރު ވަނީ ކަނޑައަޅާފައެވެ.
ސަރުކާރުން މިގޮތަށް ނިންމެވީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށާއި، ދިފާޢީ ބާރުތަކުގެ އުޅަނދުފަހަރަށް ބޭނުންވާ ޖާގަ ކަށަވަރުކުރުމުގެ މަގްސަދުގައެވެ. ސަރުކާރުން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާއިރު، ރާއްޖޭގެ ދިފާއީ އަދި ސަލާމަތީ މުއައްސަސާތަކަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސައިދިނުމަކީ ހާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ.
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ މި ސަރަހައްދަކީ ޤައުމީ ސަލާމަތާ ގުޅުންހުރި މުހިންމު ސަރަޙައްދަކަށްވާތީ، ހުރިހާ ފަރާތްތަކުންވެސް މި އުސޫލުތަކަށް އިހްތިރާމުކުރުމަށް އިލްތިމާސްކުރައްވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.