ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބޮޓުގެ ހިދުމަތް ލިބޭ ކެފޭ، 'އޯޝަން ބަބްލްސް' ގެ ހާއްސަ ރޮބޮޓް ވެއިޓަރުގެ ނަމަކަށް 'ގޮމަ' ފާސް ވެއްޖެ ކަމަށް އަދަދު ނޫހުން ހާމަކޮށްފި އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބޮޓް ހިދުމަތް ލިބޭ ކެފޭ 'އޯޝަންބަބްލްސް' ހުޅުވީ މި ޖަނަވަރީ މަހުގެ 7 ވަނަ ދުވަހުގެ ރޭގައެވެ. އޯޝަން ބަބަލްސްގައި ހިދުމަތް ދިނުމަށް ބޭނުން ކުރާ ރޮބޮޓަށް ނަމެއް ހުށަހެޅުމުގެ ފުރުސަތު "އަދަދު" ނޫހުން އާންމުންނަށް ހުޅުވާލާފައި ވަނީ މިމަހުގެ 9 އެއްގައެވެ. މިދިޔަ ހުކުރު ދުވަހުގެ 18:00އާ ހަމައަށް ހުޅުވާލާފައި އޮތް މި ނަން ހުށަހެޅުމަށް ޖުމްލަ 8900 އަށްވުރެ ގިނަ ނަން އެކި ފަރާތްތަކުން ހުށަހަޅާފައިވާ ކަމަށް އެ ނޫހުން ހާމަކޮށްފައިވެއެވެ. މއޭގެ ތެރެއިން ޝަރުތު ފުރިހަމަވީ 6179އަށް ކަމަށާއި ނަންތަކުގެ ތެރެއިން އެންމެ ގިނަ 'ލައިކް' ލިބުނު ފަސް ނަމާއި ނަން ފާސްކުރުމަށް އެކުލަވާލި ކޮމެޓީން ހޮވި ފަސް ނަން ޝޯޓުލިސްޓު ކުރެވުނު ކަމަށްވެސް އެ ނޫހުން ހާމަކޮށްފައި ވެއެވެ. އަދި އެކަމަށް ހާއްސަކޮށް "އަދަދު" އިން، އޯޝަން ބަބަލްސްގެ ވެރިޔާ ރަފީއުއްދީން ނަސީމު ވެސް ހިމެނޭ ގޮތަށް އެކުލަވާލި  ހަ މީހުންގެ ހާއްސަ ކޮމިޓީއަކުން ފާސްވި ނަމަކީ "ގޮމަ" އެވެ. އޯޝަންބަބްލްސްގެ އެތެރެ ،ގޮމަ އެއްފަރާތުގައި. ފޮޓޯ: އޯޝަންބަބްލްސްގެ އެފްބީޕޭޖުން

"ގޮމަ" ކިޔުމަށް 7 ފަރާތަކުން ހުށަހަޅާފައިވީ އިރު  އެންމެ ފުރަތަމަ އެ ނަން ހުށަހަޅާފައި ވަނީ "އަބްދުލް ހަފީޒް" ކަމަށާއި އެ ފަރާތަށް އަދަދު ނޫހުން (ރޮބޮޓްގެ ނަމަށް ފާސް ވާ ނަން ހުށަހަޅާ ފަރާތަަށް ދޭން ހުށަހެޅި) 10،000ރ. ހަވާލު ކުރާނެ ކަމަށްވެސް އަދަދު ނޫހުން ހާމަކޮށްފައިވެއެވެ.

"އޯޝަންބަބްލްސް"ކެފޭގައި ހިދުމަތް ދިނުމަށް ބޭނުންކުރާ "ގޮމަ" އަށް އޯޑަރުތައް ގެންދަންވީ މޭޒުތަކާއި އަދަދުވެސް އެނގެއެވެ. ހަމައެހެންމެ "ގޮމަ" ދަތުރުކުރާއިރު މަގުގައި އެއްވެސް މީހަކު ނުވަތަ އެއްޗެއް ހުރިކަމުގައިވިޔަސް ދެނެގަނެއެވެ. އަދި "ގޮމަ"ގެ ޗާޖު ދަށްވާން ފެށުމުން ގޮސް ޗާޖުކުރަން ޑޮކްވެސް ކުރަނީ ހަމަ "ގޮމަ" އަމިއްލައަށެވެ.

"އޯޝަންބަބްލްސް"ގެ ވެރިފަރާތްކަމުގައިވާ ރަފީއުއްދީން ނަސީމަކީ، ފެށުނީއްސުރެންވެސް ރާއްޖެއަށް ޓެކްނޮލޮޖީގެ އެކި ތަފާތު އިންގިލާބު ގެނައުމުގައި އިސްނަގައިގެން މަސައްކަތް ކުރަމުންދާ ފަރާތެއްކަން ފާހަގަކުރެވެއެވެ. މިގޮތުން ރާއްޖެއަށް އެންމެ ފުރަތަމަ ކޮމްޕިއުޓަރ ޓެކްނޮލޮޖީ ތައާރަފުވެގެން ދިޔަ "ސައިރިކްސް"ގެ އެއް ބާނީ ކަމަށްވާއިރު މިހާރު ރާއްޖޭގެ އެންމެ ނަން މަޝްހޫރު އެންމެ އިތުބާރު ލިބިފައިވާ "ޒިއޯންސްމޯބައިލްސް"ގެ އޯނަރަކީވެސް ރަފީއުއްދީނެވެ. މިފަހަރު މިހުޅުވާލި ކެފޭގެ ސަބަބުން ޓެކްނޮލޮޖީގެ އެންމެ ފަހުގެ އެއްހަރުފަތުގައި ދިވެހިރާއްޖެ މިވަނީ ފިޔަވަޅު އަޅާފައެވެ.