މިއީ ހަގު އަނބި ގެއަށް ގެންގޮސް، ދޮށީ އަނބި ނިކަމެތިކޮށް އަޅަކަށް ހެދި ފިރިއަކަށް ޖެހުނު ނިކަމެތި ހާލުގެ ވާހަކައެކެވެ. ތިމާއަށްޓަކައި ކެތްތެރިކަމުގެ ތަށިން ބޮއިގެން މޮޅިން މޮޅި ސާލު ލައިގެން އިންނައިރުވެސް ކޫސްވެސް ޖަހާނުލާ އަނބިމީހާއަށް ނިކަމެތިކޮށް ހަދާލަން ހަމަ އެއްވެސް އެއްޗެއް އެހިލަ ހިތަކަށް ނާރަ އެވެ.
ފަޒީނާ އަކީ ވަރަށްވެސް ފުރިހަމަކަން ގުދުރަތުން ދެއްވާފައިވާ ރީތި ދޮން، ސަމައްތަރާއި ބުރުސޫރަ ހެޔޮ އަންހެނެކެވެ.
އެހެންވެ ގިނަ ބައަކު އޭނާގެ ފަހަތުން ދުވެއެވެ. ތަނަވަސްމީހުންވެސް އެއިގެ ތެރޭގައި ހިމެނެއެވެ. ނަމަވެސް ފަޒީ އަށް ލޯބިވެވުނީ ފަޤީރު ޒުވާނަކު ދެކެއެވެ. ލޯބީގެ ގުޅުމުގެ ތެރެއިން އެންމެ ހިތްދަތި ޙާލަތު ފަޒީއަށް ކުރިމަތިވިއެވެ. އެއީ ކައިވެނީގެ ބޭރުން ބަލިވެއިނުމެވެ.
އެޙާލަތުގައި ލޯބިވެރިޔާއާއި މަޝްވަރާކޮށް ގޮތެއް ނިންމުނީ ފަޒީ އެހެންމީހަކާ ކައިވެނިކޮށް ރަށްމެދަށް ވިހެއުމުގެ ލަދުން ސަލާމަތްވުމަށެވެ. ލޯބިވެރިޔާއަށް ފަޒީ އާ އެވަގުތު ކަައިވެނި ކުރެވޭކަށް ނެތެވެ. އަތްމަތި އެހާާ ދަތިކަމުން ފަޒީގެ އެބޯޝަން ހެއްދެންވެސް ނެތީއެވެ. މޮޅު ރޭވުމެއް ރާވައިގެން ފަޒީ ލޯބީގެ ގޮތުން މީހަކާ ގުޅިއްޖެއެެވެ. އެންމެ ފަސޭހައިން މަޅީގަ ޖައްސާލެވޭ ކަމަށްވީ މީހެއްގެ ފިރިއެކެވެ.
ވަރަށް އަވަހަށް ގުޅުން ބަދަލި ވަމުން ގޮސް ދެއަންބަށް ކައިވެނިކުރަން ފަޒީ ޖެހި ކުސް އެމީހާއަށް ޖެހުނީ އަޑުއަހާށެވެ. ކައިވެންޏަށް ހަމަ މަސްދުވަސްވީތަނާ ބަލިވެ އިންކަން ޔަގީން ކޮށްދީފިއެވެ. އަދި އެއީ ސަައްތާރުގެ ދަރިއެއްކަން ކަށަވަރުވެސް ކޮށްދީފިއެވެ. ސައްތާރުގެ ކައިވެންޏަށް 8 އަހަރު ވީއިރު ވެސް ދަރިއަކު ނުލިބުމުން އެކަމުގެ ހިތާމައިގަ އޭޭނާ އުފުލަމުން ދިޔަ ވޭންތަކާއި ހިތްދަތިކަން އޮޔާ ގޮސް އުފާވެރި ވެއްޖެއެވެ. ވީމާ އަވަސް އަވަހަށް ފަޒީ ގޮވައިގެން ގެއަށް ގޮސް އަނބިމީހާއަށް ތަޢާރަފް ކޮށްދީފައި ފަޒީ ދެން ހުންނާނީ އެގޭގައި ކަމަށް ބުނެފިއެވެ.
އެއީ ދޮށީ އަނބީގެ އަމިއްލަ ގެ ނަމަވެސް އޭނާ އެކަމަށް ކެތްތެރިވި އެވެ. ޒުވާބު ނުކޮށް މަޑުން ކެތްތެރިވިއެވެ. އެހެންކަމާއިއެކުގައިވެސް ފިރިމީހާ އޭނާ ހެދީ ގޭގެ ނޯ ކަރަކަށެވެ. ހަގު އަނބިމީހާ އާ ދެމީހުންގެ އަޅަކަށެވެ.
ދުވަސްކޮޅެއްފަހުން ފަޒީ އަކަށް އެކަމަކަށް ކެތެއް ނުކުރެވުނެވެ. ކެނޑިނޭޅި ދޮށީ އަނބިމީހާއަށް ގޮވާ އެއްޗެއްސާއި އޭނާއަށް ކަންކަންކުރާ ގޮތް ބަލައެއް ނުގަނެވުނެވެ. ފަޒީއަށް ވިސްނުނީ އޭނާ އާމެދުގައިވެސް ހަމަ އެގޮތަށް ކަންތައް ކުރާނެ ދުވަހެއް އަންނާނެ ކަމެވެ. އެދުވަހުން މާ ބޮޑަށް ދެރަވެ ހިތާމަ ކުރަން ޖެހޭނެ ކަމެވެ.
އެހެންވެ ފަޒީ އޭނާގެ ޙަޤީޤަތް ދޮށީ އަނބިމީހާއަށް ކިޔައިދިނެވެ. އަދި ދަރިފުޅުގެ ބައްޕަ ގެއަށް ގެނެސް ދައްކައި ކަންތައް ވެގެން ދިއަ ގޮތް ތެދުބަހުން ކިޔައިދީ މާފަށް އެދުނެވެ.
ދެންވެސް ދޮށީ އަނބިމީހާ އަނގައިން ނުބުނެ ކެތްތެރިވެގެންހުރީއެވެ. ފަޒީ ވިހައި ގަދަވެގެން ގެއަށް ގެނައުމުން ފަޒީގެ ލޯބިވެރިޔާ ގެއަށް ގެނުވައި ދަރިފުޅުގެ ޙަޤީޤަތް ފިރިމީހާއަށް ކިޔައިދިނެވެ. ފަޒީ ބުންޏެވެ. "އަހަރެން ކަލެއާއި ގުޅުނީ ހަމައެކަނި މި ލަދުން ސަލާމަތްވާކަށް ނޫނެވެ. ރަނގަޅު ދިރިއުޅުމެ އުޅުމުގެ ބޭނުމުގައެވެ. ނަމަވެސް ކަލޭ، ކަލޭގެ ދޮށީ އަނބިމީހާ އާއިމެދު ކަންކަންކުރިގޮތުން ކަލެއަކީ އިންސާނެއްކަމަށް ޤަބޫލުކުރަން އުނދަގޫވީއެވެ. މިއީ އަޞްލު ކައިވެންޏަކަށްވެސް ނުވާނެއެވެ. އެއީ ބަލިވެއިނދެގެންހުރެ ކައިވެނި ކުރީތީއެވެ. އަހަރެންނަށް ކުރެވުނު ފާފަތަކަށް ތައުބާވެއްޖައީމެވެ. އަދި މިވަޤުތުން ފެށިގެން ކަލެއާ ހުރިހާ ގުޅުމެއް ކަނޑައިލީއެވެ. މިކުޅިވަރު ނިންމައިލީއެވެ."
ފަޒީ ވާހަކަދައްކައި ނިމުމުން ދޮށީ އަނބިމީހާ ބުންޏެވެ. "ފުރަތަމަ ކަމަކަށް ކަލޭމެން ދެމީހުން ކައިވެނިކުރާށެވެ. ކައިވެނިކޮށްގެން މިގޭގައި ތިބޭށެވެ. ހުރިހާ ގޮތަކުންވެސް އެހީތެރިވާނަމެވެ. ފިރިމީހާ ގާތު ބުނަން އޮތީ އަހަރެން ވަރިކޮށްފައި ހަމަ މިހާރު މިގެއިން ނުކުމެގެންދާށެވެ. އެންމެ ހިނދުކޮޅަކަށްވެސް މިގޭގައި މަޑުކޮށްގެން ނުވާނެއެވެ. މިގެއަށް ދެން ވަދެގެންވެސް ނުވާނެއެވެ. ކަލޭގެ އަނިޔާވެރިކަމުގައި ކެތްތެރިވެ ހުރީ އަހަރެންނަށް ދަރިއަކު ނުލިބޭތީ ކޮންމެހެން ދަށުވާންޖެހިގެނެއް ނޫނެވެ.
އަހަރެން އަދި ކައިވެނިކުރާނަމެވެ. ދަރިންވެސް ލިބޭނެއެވެ. އިން ޝާ ﷲ. އަހަރެންނަށް ދަރިއަކު ނުލިބެންވީ އެއްވެސް ސަބަބެއް ނެތެވެ. އަހަރެން މިއަންނަނީ ޑޮކްޓަރަށް ދައްކަމުންނެވެ. އެކަމަކު މިހައިދުވަސްވީއިރުވެސް އެންމެ ފަހަރަކުވެސް ކަލޭ ޑޮކްޓަރަކަށް ނުދައްކަމެއް ނޫންހެއްޔެވެ؟ އެވާހަކަ ދައްކާއިރަށް ކަލޭ މޫނުހަދާފައި ދުރަށްދަނީ ނޫންހެއްޔެވެ؟"
ފިރިމީހާއަށް ޖެހުނީ ގެއިން ނުކުމެގެންދާށެވެ. ދޮށީ އަނބިމީހާ ޢިއްދަ ހަމަވުމުން ދެވަނަ ކައިވެނި ކުރިތަނާހެން ބަލިވެ އިނދެ ވިހައިފިއެވެ. ފަޒީގެ ދެމަފިރިންނާއި ދެޢާއިލާ އެގޭގައި ދިރިއުޅެމުން އަންނަނީ ވަރަށް ގުޅިގެން އުފަލުގައެވެ. ކުޑަކުޑަ ދެކުދިން ތިބުމުން ގެއަށް ވަނީ ވަރަށް ބޮޑު ދިރުމެއް އައިސްފައެވެ.
ތިމާއަށް އުފަލެއް ލިބޭއިރަށް އަނބިން ނިކަމެތިކޮށް ހިތުގަ ޖައްސައި ބޭނުންހައި ގޮތަކަށް ކަންކަން ކުރުމުން އެކަމުގެ ރަހަ ދެކެންޖެހޭނެ އެވެ. ތިމާ ކެހި ކަނޑުލެއްގެ ހިތި ފިލުވަން ޖެހޭނީ ހަމަ ތިމާއަށެވެ. އަނބިމީހާއަށް އެހާލު ޖައްސާފައި ތިމާ ބޭނުން ގޮތަަކަށް ކަންތައް ކުރުުމުން އެކަމަށް އަނބިމީހާ ކެތްކުރުމުންވެސް ނުވިސްނުނީއެވެ. އެހެންކަމުން ފަހު ވަގުތު އަމިއްލައަށް ކުރި ކަމުގެ ސަޒާ ލިބިގަނެގެން ދެން އޮތްތަން ހެޔޮ ކުރެވޭތޯ ފެށިތަނުން ފަށަަން ދާން ޖެހުނީ ހަަމަ ސައްތާރަށެވެ. ހަމައެހެންމެ މަކަރުން އުފާ ހޯދަން އުޅުމުގެ ބަދަލުގައި ތެދުވެރިވުމުން ކުރާ ފައިދާ މާބޮޑެވެ. ދޮށީ އަނބިމީހާގެ ހިތްތިރިކަމާއި ކެތްތެރިކަން ބޮޑެވެ. އެކަންކަމުގެ ސަބަބުން އޭނާއަށް ކުރި ފައިދާވެސް ބޮޑެވެ. މިއިން ކޮންމެ ކަމަކީވެސް ވަރަށް އަގުހުރި ފިލާވަޅެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.