މަތިއުތުރު ޕްރޮވިންސްގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތަށް އެއް މަސް ދުވަސް ޖަހައިފިއެވެ.

ފުލުހުން އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖުގައި މަތި އުތުރު ޕްރޮވިންސްގައި ހިމެނޭ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 60 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކ. އއ. އދ. އަދި ވ. އަތޮޅުގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައިގައި 73 އަހަރުގެ އުމުރުން ދުވަސްވީ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.