ޕީޕީއެމް ހުޅުމާލޭ ދާއިރާގެ ރައީސް އަބްދުއްސަމަދު އިންޑިއާއިން ޑީޕޯޓްކޮށްލައިފި ކަމަށް މީޑިޔާގައި ދައުރުވަމުންދާ ވާހަކަތައް ތެދުކޮށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އަބްދުއްސަމަދު އިންޑިއާއިން ޑީޕޯޓްކޮށްލިކަން ކަށަވަރުކޮށްދެއްވައިފައެވެ.

""މިއަދުގެ ވަގުތެއްގައި އޭނާ ވަނީ އިންޑިއާއިން ޑީޕޯޓް ކޮށްލާފައި. އެކަމަކު އަދިވީ ހިސާބެއް ނޭނގެ. އެކަމާ ގުޅޭގޮތުން އަޅުގަނޑުމެން ވަރަށް އަވަހަށް ބަޔާނެއް ނެރޭނަން،" އަބްދުއްސަމަދު އިންޑިޔާއިން ޑީޕޯޓު ކޮށްލިކަން، "ވަން" އޮންލައިނަށް ކަށަވަރުކޮށްދެއްވަމުން ހީނާ ވިދާޅުވެފައިވެއެވެ.

އަދިވެސް ހީނާ ވިދާޅުވި ގޮތުގައި ފޮރިން މިނިސްޓްރީ މެދުވެރިކޮށް އަބްދުއްސަމަދު މިހާރު ވީ ކޮންހާލެއްގައިތޯޯ އާއި ކިހާ ހިސާބެއްގައިތޯ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަބްދުއްސަމަދާ އަދި އެއްވެސް ކަހަލަ ގޮތަކަށް ނުގުޅޭ ކަމަށެވެ.

މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓުގެ ސަފާތު އަހުމަދު ޒާހިރު ވިދާޅުވީ އިންޑިއާގައި ހުރި ދިވެއްސަކު އިއްޔެގެ ވަގުތެއްގައި އެގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ލިބިގެން އެކަމާ ގުޅިގެން ސާފުކުރަން ޖެހޭ މައުލޫމާތު އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ސާފު ކުރަމުންދާ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަށް ވަރަށް ބޮޑަށް ތާއިދުކޮށް އެ ކެމްޕޭނުގެ ހަރަކާތްތަކުގެ އިސް ސަފުގައި ބައިވެރިވާ އަބްދުއްސަމަދު ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގެ ތެރޭގައި ހުއްޓައި ޕާސްޕޯޓުގައި މައްސަލައެއް ހުރި ކަމަށް ބުނެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އާއިލާއާއެކު ބޭސްފަރުވާ އަށް އިންޑިޔާއަށް ގޮސްހުރި ދަތުރެއްގައެވެ.