މޯލްޑިވްޑިވިިއަން ޑިމޮކްރަޓިކް ޕާޓީ ،އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ހަވާލުކުރުން ހުއްޓުވައި ޕާޓީ އިން ވަކި ކުރި 39،000 މެމްބަރުންނާއެކު އަލުން ޕްރައިމަރީ އިންތިޚާބު ބޭއްވުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެ ޕާޓީގެ ހާމިދު އަބްދުލްޣަފޫރެވެ. އަދި މައްސަލައިގައި ކޯޓުގައި ވަކާލާތު ކުރައްވާނީ ރައީސް ނަޝީދުގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރެއްވި ދިޔާނާ ސައީދުއެވެ.
އިއްޔެ ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ޕާޓީގެ މެންބަރަކު ވަކިކުރުމަކީ މެންބަރާ މެދު އަޅާ ފިޔަވަޅެއްކަން އަސާސީ ޤަވާއިދުން އެނގެން އޮންނައިރު، ވަކިކުރި 39،000 މެންބަރުން ވަކިކުރީ ފިޔަވަޅު އެޅުމުގައި ޢަމަލު ކުރަންޖެހޭ އިޖުރާޢަތުތަކާ ޚިލާފަށް ކަމަށެވެ. އެހެން ކަމުން އެ ވަކި ކުރި މެމްބަރުންނަށް ވޯޓު ދިނުމުގެ ހައްޤު ގެއްލޭގޮތަށް ބޭއްވި އިންތިޚާބު ސައްޙަ ނޫން ކަމަށް ކަނޑައަޅައިދީ، އެ މެންބަރުން ހިމަނައިގެން އަލުން އިންތިޚާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރު ކޮށް ދިނުމަށެވެ.
ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ވަކި ގޮތެއް ނިންމުމުގެ ކުރިން ރިޔާސީ ޓިކެޓު ހަވާލުކުރަން ހުއްޓުވުމަށް ވަގުތީ އަމުރަކަށްވެސް ވަނީ އެދިފައެވެ.
މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީ ބޭއްވިތާ
2 ދުވަސް ފަހުން ރައީސް ނަޝީދު ވަނީ ބަލި ގަބޫލުކުރައްވާފައެވެ. ނަމަވެސް ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ "ފިކުރެއްގެ ދިރުން"ގެ ނަމުގައި ޕާޓީ ތެރޭގައި އިދިކޮޅު ހަރަކާތެއް ފެއްޓަވާފައެވެ.
އެމްޑީޕީގެ ޕްރައިމަރީ 61 އިންސައްތަ ވޯޓް ހޯއްދަވައިގެން ކާމިޔާބު ކުރެއްވީ ރައީސް ސޯލިހެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.