އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަމީނީމަގު ތަރައްގީ ކުރުމުގެ އެއްބަސްވުމާއި ތަފްސީލުތައް ހާމަކުރަން ސަރުކާރުގެ މައްޗަށް އެންގި އެންގުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫއު އާރުޑީސީއާ ހަވާލުކުރަން ސަރުކާރުން ހެދި އެއްބަސްވުމާއި މަގު ތަރައްގީ ކުރުމާ ގުޅޭ ކުރެހުންތައް ހާމަކުރަން އެންގުމުން ޕްލޭނިން މިނިސްޓްރީން އެ މައްސަލަ އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅީ އެވެ.
ހައި ކޯޓުން މި މައްސަލައިގައި މިއަދު ކުރި ހުކުމުގައިވަނީ އެ މައުލޫމާތުތައް ހޯދަން އެދުމުން އެ ހާމަ ނުކުރެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައި ވިޔަސް، އެގޮތަށް ބުނެފައިވަނީ މައުލޫމާތު ނުދެވޭނެ ގާނޫނީ ކޮން ސަބަބެއް އޮވެގެންކަން އެ މިނިސްޓްރީއަށް ބުނެދެވިފައިނުވާ ކަމަށެވެ.
އަދި ހައިކޯޓުން ކަނޑައަޅާފައިވަނީ ސަބަބު ބަޔާން ކުރުމެއް ނެތި މައުލޫމާތު ދޭން ދެކޮޅު ހެދުމަށްފަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައްސަލަ ބަލަން ފެށުމުން އާ ސަބަބުތަކެއް ނުދެއްކޭނެ ކަމަށެވެ. އަދި ހުކުމުގައިވާގޮތުން އެގޮތަށް އަމަލު ކުރާނަމަ ގާނޫނުގައި ބުނާ އިސްތިއުނާފްގެ ފުރުސަތު ގެއްލިގެންދާ އެވެ.
ހައި ކޯޓުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުމަށް ތާއީދުކުރީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.