މި ދުވެލީގައި ދާނަމަ ކުރިޔަށް އޮތް 10 އަހަރުން ވެސް ތިލަމާލެ ބުރިޖަކަށް ނޭރޭނެ ކަމުގައި ގއ ދާއިރާގެ ކުރީގެ މެމްބަރު އަދުނާނު ހަލީމް ވިދާޅުވެއްޖެއެވެ.

ފޭސްބުކް ގައި އަދްނާން އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ
ބޮޑެތި މަސައްކަތްތައް ހިނގަމުންދާއިރު ދޭތެރެއަކުން ބަލައިލުމަކީ ކުރާ ހިތްވާ ކަމެއް ކަމަށާއި މަސައްކަތް ކުރާ މީހުންނާ ވާހަކަ ދައްކައި ކަންކަން އޮޅުން ފިލުވައިލާން ވެސް ބޭނުންވާ ކަމަށެވެ. އެގޮތުން ތިލަމާލެ ބުރިޖުގެ މަސައްކަތް މާލޭ ބޮޑުކޮޅުން ބެއްލެވި ކަމަށާއި ފާހަގަ ކުރެވުނީ މަސައްކަތުގެ ދުވެލި ވަރަށް މަޑު ކަމަށާއި އެންމެ ފަހުން ބެއްލެވި ދުވަހާއި ނޫސްތަކުން ފެނުނު ސުރުޚީތަކާއި، މިނިސްޓްރީން ބުނެފައިވާ ވާހަކަތަކަށް ބަލާ އިރު ދިމާ ނުވާ ކަމަށެވެ.

"މަސައްކަތްތެރިންގެ މާބޮޑު ހިތްވަރެއް ފޯރީއެއް ވެސް ނެތް. ކޮންމެވެސް ކަމެއް ކުރަންޖެހި ކުރާނެ ގޮތާމެދު ގޮތް ހުސްވެފައި ތިބި ކަހަލަ. ދުރުން ތިޔަ ވީޑިއޯއިން ފެންނައިރު ވަޒަން ކުރެވޭ ފަދައިން އަޅުގަނޑަށް ވެސް ފެނުނީ ކުރާނެ ނުކުރާން ކަމެއް ނޭނގިގެން ދޮޅަހަކަށް މީހުން ނެގި މަޑުވެފައި ތިބި ތަން". ޕޯސްޓާއެކު ލާފައިވާ ވީޑިއޯ އަށް އިޝާރާތް ކުރައްވާ ލިޔުއްވާފައިވެއެވެ.

މިކަހަލަ ބޮޑު މަސައްކަތެއް ކުރާ ފަދައިން ހުރިހާ ދިމާއެއްގައި މަސައްކަތް ނުހިނގާކަން ފާހަގަ ކުރައްވާ އިތުރަށް ވިދާޅުވެފައިވަނީ ބައެއް ތަންތަނުން މީހުން ނުވެސް ފެންނަ ކަމަށާއި ޖުމްލަކޮށް ބުރިޖުގެ މަސައްކަތުގެ ދުވެލި ބަރަވެލި ކަމުގައި ދަންނަވަން ޖެހެއޭ ކަމަށެވެ.

އަދުނާނު ހަލީމް އަކީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން ފޯރ ކޮންސްޓަރަކްޝަން އިންޑަސްޓްރީ (އެމްއެންއެސްއައި) ގެ ސެކްރެޓަރީ ޖެނެރަލް ކަން މިވަގުތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ކުރީގެ ސަރުކާރުގެ މިނިސްޓްރީ އޮފް ޕްލޭނިންގ އަދި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ގެ ދަށުން ހިންގި ޕްރޮޖެކްޓް ތައް މޮނީޓަރ ކޮށް ބައްލަވަމުން ގެއްދެވި ބޭފުޅެކެވެ.
ތިލަމާލެ ބުރިޖަކީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒު ވެފައިވާ މިއަދުގެ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫޢު އެވެ.