ޖެންޑާ މިނިސްޓްރީއަށް ފިލްމެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، “ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން ތައްޔާރުކުރަން ބޭނުންވާ 90 މިނެޓުގެ ފިލްމަކީ ދެމަފިރިންގެ ފުރިހަމަ ބައިވެރިވުމާ އެކު ކުރެވޭ މަސައްކަތުން އާއިލާއަކަށް ލިބޭ ހަމަޖެހުމާއި އުފާވެރިކަމާއި ކުރިއެރުން ދައްކުވައިދޭ ފިލްމެއް ކަމަށެވެ.
ގެންޑާ އިން އިއްޔެ ކުރި އިޢުލާނު ގައި ބުނެފައި ވަނީ 18 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްގެން ތައްޔާރުކުރާ އެ ފިލްމުގެ ވާހަކަތަކާއި ޑައިލޮގްތައް ހުންނަންވާނީ ދިވެހި ބަހުންނެވެ. ފިލްމުގައި ހިމެނޭ ލަވަޔާއި ޑައެލޮގުތަކާއި ވާހަކަތަކުގެ ސަބްޓައިޓްލް ހުންނަންޖެހޭއިރު، ފިލްމުގައި ތީމު ލަވައަކާއި 30 ސިކުންތުގެ ޓްރެއިލާއެއްވެސް ހަދަންޖެހެ އެވެ.
އެ އިޢުލާން ގައި އިތުރަށް ބުނެފައި ވަނީ ފިލްމުގެ ސްކްރިޕްޓާއި ލީޑު ރޯލުގައި ހަރާކާތްތެރިވާ މީހުންނާއި އެ ފިލްމުން މައިގަނޑު ގޮތެއްގައި ފެންނަ މީހުން ހަމަޖައްސާނީ އެ ފިލްމު އުފައްދަން ހަވާލުކުރާ ފަރާތުންނެވެ. ނަމަވެސް އެ ފިލްމުގެ ކުދިކުދި ރޯލުތަކަށް އެ މިނިސްޓްރީގެ މުވައްޒަފުން ބޭނުންކުރެވިދާނެ އެވެ. އަދި ފިލްމުގައި ބައިވެރިވާ ކާސްޓުން ހޯދަން ޖެހޭނީ ޖެންޑާގެ ލަފާގެ މަތިންނެވެ.
ގެންޑާ އަށް ބޭނުންވާ މި ފިލްމު ތައްޔާރު ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ އަންނަ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގެ 10:00ގެ ކުރިންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.