އެސްޓީއޯ ގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު އެ ކުންފުނީގައި އަދާކުރައްވަމުން ގެންދެވި މަގާމުތަކުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު އެކަން ކަށަވަރުކޮށްދެއްވައި މީޑިއާ ތަކާ ހިއްސާ ކުރައްވަމުން މިއަދު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ބަދަލުތައް ގެންނަ ކަމަށާއި އަމްރު ވަކިކުރަން ނިންމުމަކީ އެގޮތަށް ގެންނަން ނިންމި ބަދަލެއް ކަމަށެވެ.

ރައީސް ވަނީ އަމްރު އެސްޓީއޯގެ ބޯޑު ޑިރެކްޓަރު ކަމުންނާއި އެ ކުންފުނީގައި އޭނާ އަދާކުރަމުންދާ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯ ކަމުން ވަކިކުރަން ނިންމައިފައެވެ.

އަމްރު އެސްޓީއޯއިން ވަކިކުރަން ރައީސް ނިންމެވި އިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަމްރު ތާއީދުކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވާދަކުރެއްވި ރައީސް މުހައްމަދު ނަޝީދަށެވެ. އަދި އޭނާ ގެންދަވަނީ އެމްޑީޕީ ތެރެއިން ރައީސް ނަޝީދުގެ ''ފިކުރެއްގެ ދިރުން'' ފެކްޝަންގައި އިސްކޮށް މަސައްކަތް ކުރައްވަމުން ނެވެ.