ތިރީގައިވާ ތަސްވީރުތަކަށް ރަނގަޅަށް ބަލާލާށެވެ. އެ ފޮޓޯތަކުން އެފެންނަ މަންޒަރުތަކާއި، އަޅުގަނޑުމެންގެ ދިރިއުޅުމާއި ގުޅުމެއްވޭހެން ހީވޭ ހެއްޔެވެ؟
މިއީ މިއަދު އަޅުގަނޑުމެންގެ މި މުޖުތަމަޢުގައި އަދި ވަރަށް ގިނަ ގޭގޭގައިވެސް ކަން އޮތް ގޮތެވެ.
ކޮންމެ މީހަކުވެސް އަވަދިނެތި އުޅެނީ އެމީހެއްގެ އަތުގައި އޮތް ގެޖެޓަކާއެކުގައެވެ. އެހެނަސް އެންމެން އެތިބީ އެކަކު އަނެކަކާ ވަރަށް ގާތުގައެވެ. އެކަމަކު އެކަކު އަނެކަކާ އެހާމެ ދުރުގައެވެ. އެކަކު ކުރާ ކަމެއް އަނެކަކަށް ނޭނގެއެވެ.
ދިރިއުޅުމުގެ މި ނިޒާމުގެ ސަބަބުން ދުރުގައިވާ މީހުން ތިބީ މިއަދު ތިބާއާ ވަރަށް ގާތުގައެވެ. އެހެނަސް ކައިރީގައި ތިބި މީހުން ވަނި ތިބާއާ ވަރަށް ބޮޑަށް ދުރުކުރެވިފައެވެ.

ކުރީގައި އަޅުގަނޑުމެން އެންމެން އެކުގައި އިށީނދެގެން ތިބެ ހިތާއި ހިތުގެ ގުޅުމުން ގުޅި އެކަކު އަނެކަކާއި ވާހަކަދައްކާ ސައްލާކުރި ގޮތަށް މިހާރަކު ދެނެއް އެކަމެއް ނުކުރާނެއެވެ. އެއަށްވުރެ ބޮޑަށް އަޅުގަނޑުމެން މިވަނީ ޓެކްނޮލޮޖީއާއި އިންޓަރނެޓްގެ އަޅުންނަށް ވެފައެވެ. އެއް ފުރާޅެއްގެ ދަށުގައި ތިއްބަސް، މިހާރު އެފަދަ ސައްލާއެއް ކުރިޔަސް ކުރާނީ އިޖުތިމާޢީ މަންސަތަކުގެ އެހީގައި ވަރަށް ދުރުގައިވާ ބައެއް ފަދައިންނެވެ.
މިހާރު އަޅުގަނޑުމެންގެ ތުއްތު ކުދިންނާއި އަދި ފުރާވަރު އުމުރުގެ ކުދިން ފޯނުން ކުރާ ކަންތައްތަކާ މެދު އަޅާލާ، އެ ކުދިންނަށް މަގު ދައްކާނޭ ބަޔަކު ނެތެވެ. މަންމައާ ބައްޕަ އެކުގައި އުޅުނަސް، އުޅެނީ ދެ ދުނިޔެއެއްގައެވެ. އެމީހުންވެސް ވަނީ މި އަވާގައި ޖެހި އެމީހުންގެ ޒިންމާގެ މަތިން ހަނދާން ނެތިފައެވެ. އެއްވެސް ކަމަކާ މެދު އަޅުގަނޑުމެންގެ ފަރުވާލެއް ނެތެވެ.
އަޅުގަނޑުމެން އެންމެން މިވަނީ އިންޓަނެޓްގައި އުފައްދާފައިވާ "ޚިޔާލީ ދުނިޔެއެއްގެ" ކެހިވެރިކަމުގެ މަޅީގައި ފިސާރި ބޮޑަށް ޖެހިފައެވެ. އަޅުގަނޑުމެން މިވަނީ ވަގުތުން ވަގުތަށް އަދާކުރަންޖެހޭ ޒިންމާއަށް ވަރަށް ބޮޑަށް އިހުމާލުވެފައެވެ.
އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް، ނަފުސު މިވަނީ އިސްލާޙު ކުރަން ޖެހިފައެވެ. اِقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِيْ غَفْلَةٍ مُّعْرِضُوْنَ ۚ ( الأنبياء: ١ )
މާނައީ: "މީސްތަކުންނަށް، އެއުރެންގެ (ޢަމަލުތަކުގެ) ހިސާބު ބެއްލެވުމުގެ ވަގުތު ގާތްވެއްޖެއެވެ. އެއުރެން ޣާފިލުވެ (އެކަމުން) އެއްކިބާވެގެންވާ ޙާލުގައެވެ."
ހެޔޮ ވިސްނުން ވިސްނާ ރަނގަޅު މީހުން އަޅުގަނޑުގެ މިވާހަކައާ މެދު އެއްބަސްވާނެއެވެ. އެހެނީ، ޓެކްނޮލޮޖީއާއި، އިންޓަރނެޓާއި އަދި އިޖުތިމާޢީ މަންސަތައް އައުމުގެ ކުރިން އަޅުގަނޑުމެން އުޅުނީ މާ ތަސައްރަފުފުދޭ، ހަގީގީ އަދި ޒިންމާދާރު ދިރިއުޅުމެކެވެ. މިވާހަކަކޮޅުގެ ބޭނުމަކީ، ފަހަރެއްގައިވެސް، ޓެކްނޮލޮޖީއިން ލިއްބައިދޭ ފަސޭހަތަކުގެ ބޭނުން ނުކުރާށެކޭ ނޫނެވެ. އެކަމަކު، އޭގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ.
ޕިއު ރިސާރޗުން ދައްކާ ގޮތުގައި، އިންޓަރނެޓް ބޭނުންކުރާ މީހުންގެ ތެރޭގައި، އިޖުތިމާޢީ މަންސަތަކަށް ދެވިހިފުމުގެ ނިސްބަތް ވަނީ %36.9 އަށް މަތިވެފައެވެ. އަދި އެމީހުންގެ ތެރޭގައި އެންމެ އާންމުކޮށް ފާހަގަކުރެވޭ ސިއްހީ މައްސަލަތަކަކީ ލޮލަށް އުނދަގޫވުން %38.4، ރުޅިވެރިކަން %25.5، އަދި ނިދުމަށް އުނދަގޫވުން %26.1 ހިމެނެއެވެ. އަދި ހެލިފެލިވެ އުޅުން މަދުވުމާއި، ހާސްވުމާއި، ކަންބޮޑުވުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ބަނގުރަލާއި، ޖަންކް ފުޑް ބޭނުންކުރުން ފަދަ ކަންކަމަކީ އިޖުތިމާޢީ މަންސައަށް ދެވިހިފުމުގެ މުހިންމު ހިރާސް ތަކެއްކަން ފާހަގަކޮށްފައި ވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.