އަންނަ މެއި މަހުގެ 3 ވަނަ ދުވަހު އޮލިމްޕަހުގައި ރިލީޒް ކުރުމަށް ހަމަ ޖެހިފައިވާ ދިވެހި ފިލްމް ''ލޯބިވެވިއްޖެ'' ޖެހިގެން އަންނަ މެއި މަހުގެ 4 ވަނަ ދުވަހު އައްޑޫ ސިޓީ، ތިނަދޫ އަދި ކުޅުދުއްފުށީގައި އަޅުވާ ގޮތަށް ނިންމައިފިއެވެ.
''ހުވަދޫ'' އަށް މަޢުލޫމާތް ދެމުން ފިލްމްގެ ޕްރޮޑިއުސަރ ބުނެފައިވަނީ 3 މެއި ގައި މާލޭ އޮލިމްފަހުގައި ފިލްމް ރިލީޒް ކުރުމާއިއެކު އައްޑޫ ސިޓީ އާއި ތިނަދޫގެ އިތުރުން ކުޅުދުއްފުށީގައި ފިލްމް ރިލީޒް ކުރުމުގެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށާއި، އެކަމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންދާކަމަށެވެ. އެގޮތުން މިހާރު އެކަން ރަސްމީކޮށް އިޢުލާންކޮށް ސޯޝަލް މީޑިޔާގައި އިޝްތިހާރު ކުރަމުންދާ ކަމަށާއި، އެ ރަށްތަކުގައި ތިބި ބެލުންތެރީންގެ ފަރާތުން ވަރަށް ބޮޑު ސަޕޯރޓެއް ލިބެމުންދާ ކަމަށެވެ.
އައްޑޫ ސިޓީގެ، ހިތަދޫ އަދި މަރަދޫފޭދޫ ގައި ފިލްމްގެ ޝޯވްތައް އަޅުވަން ހަމަޖެހިފައިވާ އިރު ތިނަދޫ އަދި ކުޅުދުއްފުށީގައި އަޅުވާނީ ކިތަށް ޝޯވ ކަމެއް ނުނިންމާ ކަމަށާއި، ސަޕޯރޓް ލިބެމުންދާވަރަކުން ފިލްމްގެ ޝޯވ ތައް އިތުރު ކުރަމުން ގެންދާނޭ ކަމަށްވެސް ބުނެފައިވެއެވެ.
މާލެ އެކޭ އެފަދައިން މި 3 ރަށުގައި ވެސް ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ ޢީދު ދުވަހުގައި ކަމަށް ވީނަމަވެސް މިހާރުވެސް ހޮޓްލައިން ނަމްބަރު ތަކަށް ގުޅައިގެން ޓިކެޓް ބުކިންގް ހެއްދޭނެއެވެ. މާލެ ފިޔަވައި ހުރިހާ ރަށެއްގައި ވެސް ޓިކެޓް ވިއްކާ އަގަކީ -/100 ރުފިޔާއެވެ. އަދި މާލޭގައި ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ -/150 ރުފިޔާ އަށެވެ.
ދިވެހި ފިލްމް ލޯބިވެވިއްޖެ އަކީ 2020 ވަނަ އަހަރު ޑިސެމްބަރު 24 ވަނަ ދުވަހު ގދ. ތިނަދޫގައި ޝޫޓީންގ ފެށި ފިލްމެކެވެ. ފިލްމްގެ މަންޒަރުތައް ނަގާފައިވަނީ ގދ.ތިނަދޫ، މާލެ ސިޓީ ގެ އިތުން ސްރީލަންކާގެ ކޮލަމްބޯ އާއި ނުއަރަލިޔާ ގައެވެ.
މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފިލްމްގެ ޑައިރެކްޓަރ ޢަލީ ސީޒަންގެ އިތުރުން މަރިޔަމް ޢައްޒަ، އާމިނަތު ރިޝްފާ، އަޙުމަދު ޢީސަ (އާނަންދު)، ޢަލީ ޢާޒިމް (ދޮން އައްޔަ)، އަޙްމަދު ނިމާލް، ޢަބްދުﷲ ޝާފިޢު (ފުބޫ)، އާމިނަތު ނިޝާ (ނިޝްކޮ)، އިރުފާނާ އިބްރާހީމް (އެރޫ) ހަރަކާތްތެރިވެފައިވެއެވެ.
މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ އަޙްމަދު ޒަރީރުއެވެ. ފިލްމު ކެމެރާ ކޮށްފައިވަނީ އިބްރާހީމް މޫސާ (ދަބަ) އެވެ. ލޯބިވެވިއްޖެ ފިލްމަށް ބެކް މިއުޒިކް ތައްޔާރުކޮށްފައިވަނީ ކުރިއަރަމުން އަންނަ ޒުވާން މިއުޒިޝަން ފަތުހުﷲ ޝަކީލް ޙުސައިން އެވެ.
މި ފިލްމްގެ ޖުމްލަ 8 ލަވަ ހިމެނޭ އިރު އެ ހުރިހާ ލަވަތަކެއްވެސް މިހާރު ވަނީ އެސް ޕްރޮޑަކްޝަންސްގެ ސައުންޑްކްލައުޑް އަށް އަޕްލޯޑް ކޮށްފައެވެ. އަދި މި ރަމަޟާން މަހު ޓީވީއެމް އިން ގެނެސްދޭ ''ލޯބިވެވިއްޖެ'' ޕްރޮގްރާމުގައި ކޮންމެ ހަފްތާއެއްގައިވެސް ފިލްމްގެ ވީޑީއޯ ލަވައެއް ހިމަނާފައިވެއެވެ. ފިލްމްގެ ލަވަތައް ކިޔާދީފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ)، އިބްރާހިމް ޒައިދު ޢަލީ (ކުޑަ އިއްބެ)، މަރްޔަމް އަޝްފާ، ރާފިޔަތު ރަމީޒާ، ޙަސަން ޖަލާލް، މުމްތާޒު މޫސާ، މޯލްޑިވިއަން އައިޑަލްގެ ޖަޖުކަން ކޮށްފައިވާ އައްމަޑޭ އަދި އައިޑަލް އިން ވިދާލި މުއައްޒިންގެ އިތުރުން އަލީފް ޢަލީ އާއި ނަފްހާ ޢަލީ އެވެ.
ހޮޓްލައިން ނަމްބަރުތައް:
މާލެ ސިޓީ: 7458800
އައްޑޫސިޓީ: 7741141
ތިނަދޫ: 7486545
ކުޅުދުއްފުށި ސިޓީ: 9972007
''ލޯބިވެވިއްޖެ" މެއި 4 ގައި އައްޑޫ ސިޓީ، ތިނަދޫ އަދި ކުޅުދުއްފުށި ސިޓީ ގައި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.