ދަރިމައިނުވާ މައްސަލަތަކަށް އާސަންދައާއެކު، ހޮސްޕިޓަލްތަކުން ފަރުވާ ލިބޭނެ ގޮތް ހަމަޖައްސަން ފާސްކޮށްފި އެވެ.

 އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދަށް އިސްލާހުތައް ގެނެސް އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމުގެ ތެރޭގައި ދަރިމައި ނުވުމުގެ މައްސަލައަށް ދެވޭ ފަރުވާގެ ބާވަތްތައް ހިމަނަންޖެހޭގޮތް ހެދުމަށް ފާސް ކޮއްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީންނެވެ.

އެ ކޮމިޓީ އިން މިގޮތަށް ނިންމާފައި ވަނީ  ދަރިމައިވުމުގެ މައްސަލަތަކުގެ ފަރުވާއަށް އާސަންދަ ހަމަޖައްސަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމު މަޖިލީހަށް ހުށަހެޅުއްވި ގަރާރާ ގުޅިގެންނެވެ. 

ދަރިމައިނުވުމާ ގުޅޭ އެއްވެސް މައްސަލައަކަަށް، ބައްޔެއްގެ ގޮތުގައި ޑޮކްޓަރަކު ލިޔެފައިވާ ނަމަ، އެ ފަރުވާއާ ބެހޭ އެއްވެސް ހިދުމަތެއްގެ ހަރަދު އާސަންދަ ސްކީމުން ލިބިނުދެވޭކަން ބުނެފައިވާ މި ގަރާރު ކޮމިޓީން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވަން އިތުރަށް ފާސްކުރި ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިިމުކޮށްފައިވާ ސަރުކާރުގެ ހޮސްޕިޓަލްތަކުން ދަރިމައިނުވުމުގެ މައްސަލައަށް ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސަންޖެހޭ ކަމަށްވެސް ވަނީ ހިމަނާފައެވެ އަދި ރާއްޖޭގެ ދަރިމައިވުމުގެ ރޭޓް ދަށްވުމުގައި އިންފަޓިލިޓީ އާ ގުޅުންހުރި ސަބަބުތައް ހިމެނޭތޯ ބެލުމަށް ކަމާބެހޭ ވުޒާރާއިން އިސް ނަގައިގެން ގައުމީ ފެންވަރުގެ ދިރާސާއެއް ކުރަންޖެހޭ ކަމަށްވެސް ވަނީ ފާސްކޮށްފައެވެ.