މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކުގެ ތެރެއިން 1،000 ބުޅާ ނުވިހާ ގޮތް ހެދުން ކަމަށް އެ ކައުންސިލުން ވިސްނާކަމަށް ކައުންސިލް އިން ބުނެފި އެވެ.
އިއްޔެ ބޭއްވުނު މާލޭ ސިޓީ ކައުންސިލްގެ އާންމު ޖަލްސާގައި، މާލޭގެ މަގުތަކުގައި ބުޅާ ގިނަވާ މައްސަލަ ހައްލު ކުރާނެ ގޮތުގެ ޕްރޮޕޯސަލެއް ކައުންސިލަރަކު ވަނީ ހުށަހަޅައިފަ އެވެ. އެ ޕްރޮޕޯސަލްގައި ވާގޮތުން ބުޅަލުގެ މައްސަލައަށް ވަގުތީ ހައްލެއްގެ ގޮތުގައި ތިން މަސް ދުވަހުގެ ޕްރޮގްރާމެއް ހިންގަން ހުށަހަޅައިފަ އެވެ.
ޕްރޮޕޯސަލްގައިވާ ގޮތުން މާލޭގެ މަގުމަތީގައި އުޅޭ 1،000 ބުޅާ ނިއުޓާ ކުރުން ނުވަތަ ނުވިހާ ގޮތް ތިން މަސް ދުވަހުގެ ތެރޭގައި ހެދުމެވެ. އެކަމަށް ހަރަދުކުރާނީ ކައުންސިލްގެ ބަޖެޓުންނެވެ. ކޮންމެ ބުޅަލެއް ނިއުޓާ ކުރަން 1،200ރ. ހަރަދުވާއިރު، މުޅި ޖުމްލަ އެ މަސައްކަތަށް 1.2 މިލިއަން ރުފިޔާ ހަރަދުވެ އެވެ.
ނިއުޓާ ކުރުމުން އޭގެ ވިހެއުން ހުއްޓެނީ. ނިއުޓާ ކޮށްފައި އެޓްލީސްޓް ކޮންމެވެސް ވަރެއްގެ ހައްލެއް އެބަ އާދޭ،" މޭޔަރު ވިދާޅުވި އެވެ.
އަމިއްލަ ހަރަދުގައި ވިލިމާލޭގައި ބުޅާ ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދަން ތިން ފަހަރެއްގެ މަތިން އިއުލާންކޮށްގެން މިހާރު އެކަމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެކަމަކު، ދާއިމީ ފެސިލިޓީއެއް ހަދަން ދިގު މުއްދަތެއް ހޭދަވާނެ ކަމަށް ޖަލްސާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
"ބައެއް ޖަމިއްޔާތަކުން ކައުންސިލާ ބައްދަލުކޮށް ހުށަހެޅުންތައް ހުށަހަޅާފައިވޭ. ކުރު މުއްދަތެއްގައި ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބޭނެ ގޮތަށް،" މޭޔަރު ވިދާޅުވި އެވެ.
ނިއުޓާ ކުރާ ބުޅާތައް ބައިތިއްބާނެ ވަގުތީ ފެސިލިޓީއެއް ހެދުމާއެކު، މި މަސައްކަތަށް މުޅި ޖުމްލަ 1.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ކައުންސިލުން ބުނެ އެވެ.
"ކައުންސިލުން ޖެހެނީ ވަގުތީ ގޮތުން މިކަން ކުރާ ތަނެއް، ސެޓަޕެއް ހަމަޖައްސައިދޭން." މޭޔަރު ވިދާޅުވި އެވެ.
ކައުންސިލުން ހުށަހަޅާފައިވަނީ ކުރީގެ ނީލަން ފިހާރަ ހުރި ބިމުގައި މި ފެސިލިޓީ ހެދުމަށެވެ. ނަމަވެސް، އިއްޔެގެ ޖަލްސާގައި މި ޕްރޮޕޯސަލް ކައުންސިލުން ފާހެއް ނުކުރެ އެވެ. ފާސްނުކުރެވިގެން ދިޔައި ބައެއް ކައުންސިލަރުން ފާހަގަކުރެއްވި ޕްރޮޕޯސަލްގައި ހުރި އޮޅުން އަރާ ކަންކަން އިސްލާހުކޮށްފައި އަލުން މަޝްވަރާކުރުމުގެ ގޮތުންނެވެ. މިކަމަށް ދާ ހަރަދު މާ ބޮޑު ކަމަށާއި ހަރަދު ކުޑަކުރެވޭނެ ގޮތްތަކެއް ބަލަން ޖެހޭކަމަށް ބައެއް ކައުންސިލަރުން ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.