ގެމަނަފުށީގައި ކުޑަކުދީންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުން ފޯރިޔާއެކު ކުރިޔަށް އެބަދެއެވެ.
ޤައުމީ ފެންވަރުގައި ކުޑަކުދީންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް 12 މެއި 2023 ވާ ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން 13 މެއި 2023 ވާ ހޮނިހުރު ދުވަހުގެ ރޭގަނޑާ ހަމައަށް ގއ ގެމަނަފުށީގައި ކުރިއަށް ދާނެއެވެ.
މި ދުވަހުގެ ރަސްމީ ހަރަކާތްތައް ފެށޭނީ 12 ވަނަ ދުވަހުގެ ހެނދުނު 9:30 ގައި ގެމަނަފުށީ ސްކޫލުގައި ބާއްވާ އާޓް އެގްޒެބިޝަނަކުންނެވެ. އެއަށްފަހު އޮންނާނީ އެ ދުވަހުގެ ހަވީރު 16:00 ގައި ގެމަނަފުށީ ބަނދަރު ސްޓޭޖް ސަރަހައްދުގައި ބާއްވާ ކުޑަކުދީންގެ ޚާއްޞަ ހަވީރެވެ. ދެން އޮންނާނީ 13 ވަނަ ދުވަހުގެ ހެނދުނު 7:00 ގައި ބާއްވާ ސިންގަލް ޔޫސް ޕްލާސްޓިކް ކަލެކްޝަން ޙަރަކާތެވެ. އެއާ ޖެހިގެން ދެން އޮންނާނީ އެ ދުވަހުގެ މެންދުރުފަހު 14:00 ގައި ބާއްވާ ބިލްބޯޑް އޮޕެނިންގ ސެރަމަނީއެވެ. ކުޑަކުދީންގެ ދުވަހުގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ބާއްވާ އެންމެ ފަހު ހަރަކާތަކަށް ހަމަޖެހިފައިވަނީ ކަލަރ ރަންއެވެ.

ގެމަނަފުށީގައި ކުޑަކުދީންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން.
މި ދުވަހުގެ ޙަރަކާތްތައް މި މަހުގެ 12 ވަނަ ދުވަހު ރަސްމީކޮށް ފަށާގޮތަށް އޮތް ނަމަވެސް މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ވަނީ ތަފާތު އެތަކެއް ޙަރަކާތެއް ގެންދެވިފައެވެ. އެގޮތުން ބެލެނިވެރިންނާއި، ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކާއި، ގެމަނަފުށީގެ މާރެހާވިއު ސަރަހައްދުގައި ބޭއްވުނު ކުޑަކުދިންގެ ދުވަހުގެ ޚާއްޞަ އެސަމްބްލީއާއި، ކަލްޗަރ ތީމުގެ ދަށުން ގެމަނަފުށީ ޒީރޯ ސަރަހައްދު މޫދާއި އެއްގަމުގައި ބޭއްވި ކޯޑި ކުޅުމުގެ ހަރަކާތާއި، ގްރޭޑް 6 ން ދަށުގެ ދަރިވަރުންނަށް ބޭއްވި ކަލްޗަރަލް ފެސްޓިވަލަކީ، ވަރަށް ފުރިހަމަ އިވެންޓްތަކެކެވެ. "ކަލްޗަރ ފެސްޓިވަލުގައި ބައިވެރިވީ ގްރޭޑް 6 ން ދަށުގެ ދަރިވަރުން. އެ ދަރިވަރުން ދައްކައި ދިނީ ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ހެދުންތައް. އެއީ ދަރިވަރުން ވަރަށް ޝައުގުވެރި ދަރިވަރުން ނަށް ދުނިޔޭގެ ޤައުމުތަކާ ބެހޭ މަޢުލޫމާތު ލިބުނު ޙަރަކާތެއް" ލީޑިންގ ޓީޗަރ ފާޠިމަތު ޖަމީލު ވިދާޅުވިއެވެ.
އަދި 14 ން މަތީގެ ދަރިވަރުންނަށް އެކުދިންގެ ރައިޓްސްއާ ބެހޭގޮތުން ބޭއްވި ރައުޔަ ފޯރަމް ފާހަގަކޮށްލެވެއެވެ. "ކުޑަކުދިންގެ ދުވަސް ޤައުމީ ފެންވަރުގައި މި ރަށުގައި ބޭއްވުމަކީ، މި ރަށަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. މިހާތަނަށް ވެސް ވަރަށް ގިނަ އިވެންޓްތައް ބޭއްވިއްޖެ. އޭގެތެރެއިން 14 އަހަރުން މަތީގެ ދަރިވަރުންނަށް ބޭއްވި ރައުޔު ފޯރަމުން އެ ދަރިވަރުންނަށް ވަރަށް މުހިންމު އެހާމެ ބޭނުންތެރި މަޢުލޫމާތުތަކެއް ލިބިގެން ދިޔަ. މި ފަދަ ކަންކަމަށް ގެމަނަފުށީ ސްކޫލުން އަބަދުވެސް މަރުޙަބާ ކިޔާނަން" ލީޑިންގ ޓީޗަރ މައިނާ ޙަސަން ވިދާޅުވިއެވެ.
ކުޑަކުދީންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމުގެ މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް މި މަހު 12 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ އަނބި ކަނބަލުން ފާޠިމަތު ފަޒުނާއާއި، ދިވެހިރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައިވާކަމަށް ގެމަނަފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު ވިދާޅުވިއެވެ. އަދި ދިވެހިފުލުހުން އިސްނަންގަވައިގެން ޤައުމީ ފެންވަރުގައި ކުޑަކުދީންގެ ދުވަސް ގެމަނަފުށީގައި ފާހަގަ ކުރައްވާތީ، ދިވެހި ފުލުހުންނަށާއި، މި ކަމުގައި ބައިވެރިވާ އެންމެހައި ފަރާތްތަކަށް ކައުންސިލްގެ ރައީސް ޝުކުރު އަދާ ކުރެއްވިއެވެ.
ގެމަނަފުށީގައި ޤައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި، ޔުނިސެފް މޯލްޑިވްސްއާއި، އެޑިޔުކޭޝަން މިނިސްޓްރީއާއި، ޝީއާއި، ޓައިނީ ހާޓްސްއާއި، ގެމަނަފުށީ ކައުންސިލާއި، ގެމަނަފުށީ ސްކޫލާއި، ގެމަނަފުށީ މުވައްސަސާތަކާއި، ގެމަނަފުށީގެ ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތައް ގުޅިގެންކަމަށް ގެމަނަފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު ވިދާޅުވިއެވެ.
ގެމަނަފުށީގެ އިތުރުން ކުޑަކުދީންގެ ދުވަސް ފާހަގަ ކުރުމަށް ހުވަދު އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލް ތަކުގައި ވަނީ ވަރަށް ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.