ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނަށް 1400 "ބޮޑީ ވޯން ކެމެރާ" ނުވަތަ ގައިގައި ހަރުކުރާ ކެމެރާ ސަޕްލައި އަދި ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދަން ވަނީ އިއުލާނުކޮށްފައެވެ.
އެކަމަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ، އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިންނެވެ.
މި މަޝްރޫއުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 390,000 ރުފިޔާ ދައްކަން ޖެހުމާއެކު، ބިޑް ސެކިއުރިޓީގެ މުއްދަތެއްގެެ ގޮތުގައި ބެލެވެނީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.
މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން 1500 ރުފިޔާގެ ނޮން-ރީފަންޑަބަލް ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. މި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހާ ހަމައަށެވެ. ފައިސާ ދައްކަން ޖެހޭނީ ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ މެދުވެރިކޮށެވެ.
އެ މަސައްކަތާ ބެހޭ ހުރިހާ ލިޔެކިޔުންތައް، މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން ސޮފްޓްކޮޕީ ފޯމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.
އެ މަޝްރޫއުގެ ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 31 ވާ އަންގާރަ ދުވަހުގެ 13:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގަ އެވެ.
ފުލުހުންގެ މަސައްކަތަށް ބޮޑީ ވޯން ކެމެރާ އިތުރުކޮށް، ޓެސްޓުކުރުމަށް މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ވަނީ ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންދެވިފައެވެ.
ޕައިލެޓް ޕްރޮގްރާމް ފެއްޓުމުގެ ރަސްމިއްޔާތުގައި، ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވީ ބޮޑީ ކެމެރާގެ ސަބަބުން ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީވެދޭނެ ކަމަށެވެ. އެގޮތުން އާންމުންނާ މުއާމާލާތް ކުރުމާއި ފުލުހުންގެ މިސްކޮންޑަކްޓާ ގުޅޭ ޝަކުވާތައް އަންނަ މިންވަރު މަދުކޮށް، ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ބޮޑުކޮށްދޭނެ ވަސީލަތެއްކަން ސާބިތުވެފައިވާކަން ހަމީދު ފާހަގަކުރެއްވި އެވެ.
ހޯމް މިނިސްޓްރީއާއި ފުލުހުންގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުން ކަމަށް މީގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފަ އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.