އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑުން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް ދާ ޖަހައިގެން މަސްވެރިކަން ކުރަމުންދަނިކޮށް ހިފެހެއްޓި ސްރީލަންކާގެ މަސްބޯޓު ފުލުހުންނާއި ޙަވާލުކޮށްފިއެވެ. މި ބޯޓު މިހާރު ވަނީ ދޫނިދުއަށް ގެންގޮސްފައެވެ.

ދިވެހިރާއްޖޭގެ ޚާއްސަ އިޤްތީޞާދީ ސަރަޙައްދަށް ވަދެ ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރުމަކީ ޤާނޫނީ ކުށެކެވެ. މިގޮތުން ދާ ޖަހައިގެން މަސްވެރިކުރުމާއި އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމާއި އެންވެރިކަން ފިޔަވައި ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރުމުގެ އިތުރަށް ގޮވާއެއްޗެއް ނުވަތަ ވިހައެއް ނުވަތަ ކެމިކަލްއެއް ބޭނުންކޮށްގެންވެސް މަސްވެރިކަން ކުރުމަކީ މަސްވެރިކަމުގެ ޤާނޫނާ ޚިލާފުވާކަންކަމެވެ. ޤާނޫނުގައި މިއީ މަނާކަމެއް ގޮތުގައި އޮތްނަމަވެސް ރާއްޖޭގެން ބޭރުގެ މަސްވެރި އުޅަނދުތައް ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަދެ މަސްވެރިކަން ކުރަން އާދެއެވެ. ސްރީލަންކާއަށް ނިސްބަތްވާ "ސަތަސަރާނީ 6" ނަމަކަށް ކިޔާ މި ބޯޓުގައި 6 މީހުން ތިއްބެވެ. ބޯޓު ކޯސްޓުގާރޑްގެ ބެލުމުގެ ދަށަށް ގެނައިރު ގާތްގަނޑަކަށް 500 ކިލޯގެ މަސް ހުއްޓެވެ. https://twitter.com/MNDF_Official/status/1661777025148006402?s=20

މަސްވެރިކަމުގެ ޤާނޫނުގައިވާގޮތުން ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް ހިފަހައްޓާ އުޅަނދުތަކުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ބޮންޑެއް ނުވަތަ ސެކިއުރިޓީއެއް ޑިޕޮޒިޓްކުރަންދެން އެ އުޅަނދު ހިފަހައްޓާފައި ބޭއްވެއެވެ. އަދި ހިފަހައްޓާ އުޅަނދުގައި ހުރީ ހަލާކުވާ ބާވަތުގެ އެއްޗެއްނަމަ އެ ތަކެތި ވިއްކާލެވިދާނެއެވެ.މީގެ އިތުރަށް ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރުމަށް ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދަށް ވަންނަ އުޅަނދުތައް ދޫކޮށްލަނީވެސް ވަކި އުޞޫލެއްގެ ދަށުން ޖޫރިމަނާކޮށް އެ ޖޫރިމަނާގެ ފައިސާ ދެއްކުމުންނެވެ.