މީހެއްގެ މައްޗަށް ލަޢުނަތް ލެއްވުމުގެ މާނައަކީ އެ މީހަކު ހުރިހާ ހެޔޮކަމަކުން ދުރުވެދިޔުމެވެ. ނުވަތަ ލަޢުނަތް ލެއްވިގެންވާ އަޅާ ﷲގެ ތަނަވަސް ރަޙްމަތުން ބޭރުކޮށް ދުރުކުރުވުމެވެ. އަދި އެ މީހަކަށް އާޚިރަތްދުވަހުގެ ޢަޛާބާއި ޢުޤޫބާތް ޙައްޤުވުމެވެ. ބައެއް ޢަމަލުތަކަށާއި އެކަން ކުރާމީހުންނަށް މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ލަޢުނަތް ލައްވައިފައި ވެއެވެ. އެހެންކަމުން މިފަދަ ކަންކަން އެނގި އެ ކަންކަމުން ދުރުހެލިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެން ވާ ކަމެކެވެ.
ދިވެހި ފަސްގަނޑުން މިއަދު ފެންނަ އެއް މަންޒަރަކީ ބައެއް ފިރިހެނުން، އަންހެނުންގެ ސިފަޖެހިގެން އުޅުމެވެ. އެ ގޮތުން ކަރާއި، އަތާއި، ފައިގައި ގަހަނާ އެޅުމާއި މޭކަޕްކުރުމާއި އަންހެނުންގެ ހެދުން އެޅުން ފަދަ ކަންކަން ފާހަގަކުރެވެއެވެ. އަދި ހަމަ މި ގޮތަށް ބައެއް އަންހެނުން ފިރިހެނުންނަށް ޚާއްޞަ ހެދުން އަޅައިގެން އުޅޭތަން ވެސް ފެނެއެވެ. އަދި މިއީ ޒަމާނުގެ ތަރައްޤީއާއި ހަމަހަމަކަމުގެ ތެރެއިން ލިބިގެންވާ ހައްޤެއް ކަމުގައި އެބައިމީހުން ބުނެއެވެ. ނަމަވެސް މި އުއްމަތަށް އިރުޝާދުދެއްވައި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރައްވައިފައި ވެއެވެ. عَنِ ابْنِ عَبَّاسٍ رَضِي اللهُ عَنْهُمَا، قَالَ: "لَعَنَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ المُخَنَّثِينَ مِنَ الرِّجَالِ، وَالْمُتَرَجِّلاَتِ مِنَ النِّسَاءِ" (البخاري) މާނައީ: ابْنِ عَبَّاسٍ رَضِي اللهُ عَنْهُمَا ރިވާކުރެއްވިއެވެ. "އަންހެނުންނާ ވަތްތަރުވެގަންނަ ފިރިހެނުންނަށާއި ފިރިހެނުންނާ ވަތްތަރުވެގަންނަ އަންހެނުންނަށް ﷲ ލަޢުނަތް ލެއްވިއެވެ."
އިމާމް أبو داود ރިވާކުރައްވައިފައިވާ ޙަދީޘެއްގައިވެއެވެ. މާތް ޞަޙާބީ أَبِي هُرَيْرَةَ ވިދާޅުވިއެވެ. "لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الرَّجُلَ يَلْبَسُ لِبْسَةَ الْمَرْأَةِ وَالْمَرْأَةَ تَلْبَسُ لِبْسَةَ الرَّجُلِ" (أبو داود) މާނައީ: "އަންހެނުންގެ ފޭރާމުން ފޭރާން އަޅާ ފިރިހެނުންނަށާއި ފިރިހެނުންގެ ފޭރާމުން ފޭރާން އަޅާ އަންހެނުންނަށް ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ލަޢުނަތް ލެއްވިއެވެ."







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.