މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 2023 ގައި 5 ދާއިރާ އަކުން 59 އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި އެވެ. ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިއަހަރުގެ އެވޯޑްސްގައި "ޓޫރިޒަމް ޕްރޮޕެޝަނަލް އެވޯޑް" ނަމުގައި މުޅިން އަލަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެވޯޑެއް ތައާރަފްކޮށްފައިވާކަމަށެވެ. މި އެވޯޑް ތައާރަފްކުރުމުގެ އެންމެ މުހިންމު ބޭނުމަކީ މި ސިނާއަތަށް ދިވެހިން ނެރުމާއި މަސައްކަތްތެރިންގެ އަގު ވަޒަންކުރުންކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. https://twitter.com/MoTmv/status/1664285114476675073?s=20 މި އެވޯޑް ލިބޭނީ %75 އަށްވުރެ މަތިން މާރކްސް ހޯދާ ތަންތަނަށެވެ. 1 ފަރާތައްވުރެ ގިނަ ފަރާތުން މާރކްސް އެއްވަރުވެއްޖެނަމަ އެވޯޑް ލިބޭ ފަރާތެއް ބަލާނީ އިންސްޕެކްޝަންއާއި އަދި އިންޓަވިއުއަށް ފަހުގައިކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

އެވޯޑަށް ހުޅުވާލާފައިވާ ދާއިރާތައް:

  • ޓޫރިސްޓް ރިސޯޓް - 16 އެވޯޑް
  • ޓޫރިސްޓް ގެސްޓްހައުސް އެންޑް ޓޫރިސްޓް ހޮޓެލްސް - 15 އެވޯޑް
  • ޓޫރިސްޓް ވެސަލް - 13 އެވޯޑް
  • އެހެނިހެން ފެސިލިޓީތައް - (ޓްރެވެލް އެޖެންސީ، ޑައިވް ސެންޓަރ އަދި ވޯޓަރ ސްޕޯރޓްސް) - 5 އެވޯޑް
  • ޓޫރިޒަމް ޕާސަނަލިޓީ/ ޕްރޮޕެޝަނަލްސް - 10 އެވޯޑް

މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްއަަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާއި ގުޅިގެން މިދިޔަ އަހަރު މުޅިން އަލަށް ތައާރަފްކުރި އެވޯޑެކެވެ. މިއަހަރުގެ މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖޫންމަހުގެ 31 ވަނަ ދުވަހުން 16 ޖުލައިގެ ނިޔަލަށެވެ. އެވޯޑް ދިނުމުގައި ބަލާނީ 2022 ވަނަ އަހަރުގެ ޖޫން 1 އިން ފެށިގެން 2023 ވަނަ އަހަރުގެ މޭމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެއްކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.