ގއ ގެމަނަފުށީ ކައުންސިލުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ސިލްސިލާ ޤުރުއާން މުބާރާތް ގެމަނަފުށީ ސްކޫލުގައި ބާއްވައިފިއެވެ.
71 ދަރިވަރުން ބައިވެރިވި އެ މުބާރާތް ބާއްވާފައިވަނީ، 2 ގޮތްޕަށް ބަހާލައިގެންނެވެ. އެއީ ހިތުން ކިޔެވުމުގެ ގޮތްޕާއި، ބަލައިގެން ކިޔެވުމުގެ ގޮތްޕެވެ. ހިތުން ކިޔެވުމުގެ ގޮތްޕާއި، ބަލައިގެން ކިޔެވުމުގެ ގޮފިންނާއި، ކޮންމެ ކީ ސްޓޭޖަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވައި ތައްޓާއި ހަނދާނީ ލިޔުން ދިން އެ މުބާރާތުގެ މުޅި މުބާރާތުން 1 ވަނަ ހޯދީ ކީ ސްޓޭޖް 3 ގެ ދަރިވަރު އަލްވިން އަޙްމަދު ޞާލިޙްއެވެ. 2 ވަނަ ހޯދީ އައިޝަތު ނައުރާ ޢަލީއެވެ. 3 ވަނަ ހޯދީ ޢުލާ ޞިއްދީޤް އަޙްމަދެވެ. ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ އަލްވިން އަޙްމަދު ޞާލިޙް ހޯދި އިރު ހިތުން ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދީ ޢައިޝަތު ޔޫލީ ބިންތި ލުޤުމާނެވެ.

ގެމަނަފުށީ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު ޙަބީބު ޝަރަފު ކޮށް ދެއްވި އެ މުބާރާތުގައި 1 ވަނަ 2 ވަނަ އަދި 3 ވަނައަށް ތަށްޓާ ސެޓިފިކެޓްގެ އިތުރުން ފައިސާގެ އިނާމު ވެސް ދެއްވިއެވެ.
"އަޅުގަނޑުމެންގެ މި މުބާރާތަކީ، ކޮންމެ އަހަރަކު ވެސް ބާއްވަމުންދާ މުބާރާތެއް. އަންނަ އަހަރު މިއަށްވުރެ އަގު ބޮޑު އިނާމްތަކާއެކު ބޭއްވުމަށް ވިސްނާފައިވަނީ" ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު ވިދާޅުވިއެވެ.
މީގެއިތުރުން ނާޝިދު ވިދާޅުވީ، ކޮންމެ އަހަރަކު ވެސް މުބާރާތުގެ ފަނޑިޔާރުކަން ކުރެއްވުމަށް ގެންނަނީ ރާއްޖޭގެ އެންމެ މަޝްހޫރު ޤާރީން ކަމަށާއި، މިފަހަރުގެ މުބާރާތުގައި މި ގެންނެވީ އަލްއުސްތާޛް އިބްރާހިމް ޝިފާޢާއި، އަލްހާފިޡް އިބްރާހިމް ރަމްޒީ ކަމަށެވެ.
ގެމަނަފުށްޓަކީ، މިހާރު ވެސް ޤުރުއާން މުދައްރިސުން ގިނަ ރަށެއް ނަމަވެސް ކުރިއަށް އޮތް މުބާރާތަށް ދަރިވަރުން ތައްޔާރުކުރުމަށް މާލެއިން ޤާރީން ގެނައުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވެސް ނާޝިދު ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.