ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން 2023ގެ ފައިނަލަށް ހޮވުނު ބައިވެރިން ޢިއުލާނު ކޮށްފިއެވެ. ފައިނަލަށް 5 ބައިވެރިން ދަތުރުކޮށްފައިވަނީ ލައިވް ފޯން އިން ޕްރޮގްރާމް ހުށަހެޅުމުގެ ބުރުގައި ވާދަކުރި 6 ބައިވެރިންގެ ތެރެއިންނެވެ. ފައިނަލަށް ދަތުރުކުރި 5 ބައިވެރިންގެ ނަންތައް އިޢުލާން ކުރީ މިއަދު 2:00ގައި ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ކުރި އެލިމިނޭޝަން ޝޯވްގައެވެ.
ގަދަ 5 އަކަށް ދަތުރުކުރި ބައިވެރިންނަކީ:
• ގދ. ވާދޫ ކެނެރީގޭ އައިޝަތު އަބްދުލް ކަރީމް • ހެންވޭރު ހަމަރޯޅި އަރީޝާ ފަރުޙަތު • ގދ. ގައްދޫ ކަފިދޫގޭ އާމިނަތު ޝަހުބާ ޝަހީދު • ހުޅުމޭލެ ފުލެޓް 4-04-170 އާމިނަތު ޒައީމާ • މާފަންނު ޕްލެޓިނަމް ކޮޓޭޖް މުޙައްމަދު ލިސާން ލައިވް ފޯން އިން ޕްރޮގްރާމް ހުށަހެޅުމުގެ ބުރުގައި ވާދަކުރި 6 ބައިވެރިންގެ ތެރެއިން ފައިނަލަށް ދަތުރު ކުރުމުގެ ފުރުޞަތު ނުލިބި މުބާރާތާ ވަކިވާން ޖެހުނު ބައިވެރިއަކީ، ހދ. ނޮޅިވަރަންފަރު ކަނީރު އަޙުމަދު މީރާޘްއެވެ. މި މުބާރާތުގައި ފައިނަލްގައި ވާދަ ކުރާ 5 ބައިވެރިން ފައިނަލްގައި ހުށަހަޅާ ހުށަހެޅުންތައް މާދަމާ 14:00 ގައި ދިވެހިރާއްޖޭގެ އަޑުން ގެނެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ޓައިޓަލް ކާމިޔާބު ކުރާ ބައިވެރިއެއް ހޮވޭނީ މި ހުށަހެޅުންތަކުންނެވެ. މުބާރާތުގެ ނަތީޖާ ކަނޑައަޅަނީ ފަނޑިޔާރުންގެ %65 އަދި އެހުންތެރިންގެ %35 އެސްއެމްއެސް ވޯޓުންނެވެ. ފައިނަލް ހުށަހެޅުންތަކަށް ވޯޓް ދިނުމުގެ ފުރުޞަތު މާދަމާ 14:00 އިން ފެށިގެން އަންގާރަ ދުވަހުގެ ރޭ 12:00 އާއި ހަމައަށް އޮންނާނެއެވެ. މުބާރާތް ކާމިޔާބު ކުރާ ބައިވެރިއަކަށް މުބާރާތުގެ ޓްރޮފީއާއެކު 20،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ. އަދި ކޮންޓްރެކްޓް އުޞޫލުން އެއް އަހަރު ދުވަހު ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބޭނެއެވެ. ދެވަނަ ހޯދާ ބައިވެރިއަކަށް 15،000 ރުފިޔާ އަދި ތިންވަނަ ހޯދާ ބައިވެރިއަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ. ޕްރެޒެންޓިންގ އާއި ގުޅޭ ތަފާތު މަސައްކަތްތައް ބުރުތަކަށް ބަހާލައިގެން މުބާރާތެއްގޮތަށް ކުރިއަށް ގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަނަކީ ރޭޑިއޯ ޕްރޮގްރާމް ހުށަހެޅުމަށް ޝައުގުވެރިވާ ޒުވާނުން މި ފަންނުގައި ކުރިއަށް ދިއުމަށް ފުރުޞަތު ހޯދައިދިނުމަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މިއީ މި މުބާރާތުގެ 5 ވަނަ ސީޒަނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.