ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގެންފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ މި ހިނގާ ފެބުރުވަރީ މަހުގެ 3 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި ޝިޕްމަންޓްތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
މީގެ އިތުރުން، ކަސްޓަމްސްއިން ހިންގި އެކި އޮޕަރޭޝަންތަކުގައި މިދިޔަ ޖޫން މަހުވެސް އެކި ފަހަރުމަތިން ޖުމްލަ 28,637 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާކަމަށް އެ މުއައްސަސާއިން މައުލޫމާތު ދެއެވެ.
ރާއްޖޭގައި ވޭޕު ބޭނުންކުރުމާއި، ވިއްކުމާއި، ހިލޭބެހުން މަނާކޮށް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ 15 ޑިސެންބަރު 2024 ވަނަ ދުވަހުން ފެށިގެންނެވެ. މި އިސްލާޙުގެ ދަށުން ވޭޕްގެ ބާވަތްތައް ރާއްޖެ އެތެރެކުރުމަކީ މަނާކަމެކެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި، އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50,000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10,000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.