މާލޭން ހިލޭ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް މިއަދު އާންމުކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ 10 މެންބްރަކަށް ވަނީ ގޯތި ލިބިފައެވެ.

އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ވެރިކަން ކުރާ އެމްޑީޕީގެ 7 މެމްބަރަކާއި ސަރުކާރާ ދެކޮޅަށް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ 'ދަ ޑިމޮކްރެޓްސް'އަށް ނިސްބަތްވެވަޑައިގަންނަވާ ހަތަރު މެމްބަރަކާއި އެމްއެންޕީގެ މެމްބަރެކެވެ.

ރައީސް އޮފީހުގައި އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި 'ބިންވެރިޔާ' އަދި 'ގެދޮރުވެރިޔާ' ސްކީމަށް ހުށަހެޅި ފޯމުތައް ވަޒަންކުރަން ނެގި 'ގެދޮރުވެރިޔާ ކޮމިޓީ'ން ވަނީ 'ބިންވެރިޔާ' ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ  ަވގުތީ ލިސްޓް އާންމު ކޮށްފައެވެ.

އެ ލިސްޓުން ދައްކާ ގޮތުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަދި އޭނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް (އެމްޑީޕީ) އަށްވެސް ވަނީ މާލެއިން ގޯތި ލިބިފައެވެ. ރޮޒައިނާ އާދަމް އާއި މުހައްމަދު ނާޝިޒްއަށް ގޯތި ލިބިފައިވަނީ ޖުމްލަ ތިން މީހަކު ހިމެނިގެން ފޯމު ލީ އެންމެންގެ ޝަރުތު ހަމަވެގެން 71.59 މާކްސް ލިބިގެންނެވެ.