ވެރިކަން ނިމެން އޮތީ 74 ދުވަސް ގިނަ ވާހަކަތައް ނުދައްކާ ރައްޔިތުންނަށް ލިބެންޖެހޭ ގޯތިތައް އެ ރައްޔިތުންނަށް ދިނުމަށް މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ. މާލެއިން ގޯތި ލިބުން މީހުންގެ ލިސްޓް އާންމު ކުރުމާއި އެކު ގިނަބައެއްގެ ފާޑުކިޔުންތައް ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްގެ ސަރުކާރަށް އަމާޒުވެފައެވެ. އެ ގޮތުން ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން އިއްޔެ އާންމު ކުރި ގޯތި ލިބުން މީހުންގެ ލިސްޓްއާއި ގުޅިގެން އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާއަށް ވެސް ލިސްޓެއް ހަދައިން " ގޯތި ލިބޭ " އެހެން ޖެހިދާނެ ކަމަށެވެ.
ވެރިކަން ނިމެން އޮތީ ބާކީ 74 ދުވަސް. ގޯތި ކަށަވަރުކޮށްދިނީއޭ ކިޔާފަ ދެން ދޭނީ ކަރުދާސްކޮޅެއްނޫން. މާގިނަ ވާހަކަ ނުދައްކާ ގޯތި ދީބަލަ. ރައްޔިތުންނަށް ހުވަފެންދެއްކުން ހުއްޓާލާ ! ކޮބާހޭ ކަރުދާސްކޮޅު. މަވެސް ލިސްޓެއް ހަދާފަ “ގޯތިލިބޭ” މިހެން ޖެހިދާނެ."
މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންގެ ލިސްޓު އިއްޔެ އާއްމު ކޮށްފައިވާއިރު، މި ސަރުކާރުން ގޯތި ބެހީ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށާއި، އެކަން ކުރީ ނަހަމަ ގޮތުގައި ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީންއިންވެސް ވަނީ ބުނެފައެވެ. އިއްޔެ އާންމު ކުރި ވަގުތީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ގެ ނިޔަލަށް އޮންނާނެއެވެ. ސަރުކާރުން އިއްޔެ ގޯތި ދީފައިވަނި އެއްވެސް އުސޫލަކަށް ބެލުމެއްނެތި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެގޮތުން ގޯތި ދީފައިވާ މީހުންގެ ތެރޭ ރިސޯޓް އޯނަރުންނާއި، ރާއްޖެ އިން ބޭރުން ފްލެޓާއި ގެ ގަނެފައިވާ މީހުންނާއި، އަދި އާއިލާގެ އެތައް ބިމެއް މާލޭގައި ހުރި ފަރާތްތަކާއި، ތަފާތު ގިނަ ވިޔަފާރިތައް ކުރާ ވިޔަފާރިވެރިން ވެސް ހިމެނޭ ކަމަށް ބުނެ ސަރުކާރާ ދިމާލަށް ދަނީ އިނގިލި ދިކުރަމުންނެވެ. މީގެ އިތުރުން ސަރުކާރުން ބަހާލި ގޯތިތައް ލިބުނު މީހުންގެ ތެރޭގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އާއި އޭނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވެސް ހިމެނެއެވެ. ރޮޒައިނާ އާއި ނާޝިޒަށް ގޯތި ލިބުނުއިރު ދެބޭފުޅުންނަކީ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވާ، ދެބޭފުޅުންނެވެ. ނާޝިޒްގެ އާއިލާގެ ރިސޯޓްތައް އެބަހުއްޓެވެ. އަދި އެހެނިހެން ވިޔަފާރިތައް ވެސް އާއިލާ އިން ކުރެއެވެ. ރޮޒައިނާގެ އާއިލާ ވިޔަފާރި ޑޮނާޑް އަކީ ވެސް މަޝްހޫރު ކުންފުންޏެކެވެ. އޭގެ އިތުރުން ރޮޒައިނާގެ ވިޔަފާރި މިހާރު ސިއްހީ ދާއިރާގައި ވެސް އެބައޮތެވެ. ރޮޒައިނާގެ ކުންފުންޏަކުން ހުޅުމާލޭގައި ޕްރައިވެޓް ކްލިނިކެއް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.







ޚިޔާލު (2)
ތިޔަ ކޮރެޕްޓް ޕާޓީއާ ގުޅެއް ހެޔޮނުވާނެ
އާޒިމު މޮޔަ ގޮވަންފެށީ