ޢީދަށް މަރްޙަބާކިޔުމަށް މާލެސިޓީ ކައުންސިލުން ކުލަބޮކިތަކާއި ގިޑިގެތަކުން މާލެސިޓީ ޒީނަތްތެރި ކޮށް ދިއްލާލައިފިއެވެ.
އަޟްޙާ ޢީދަށް މަރުޙަބާ ކިޔުމުގެ ގޮތުން ހޯމަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި މާލެ ސިޓީ ކައުންސިލުން ބޭއްވި ޙަފްލާއެއްގައި މި ގިޑިގެ ތަކާއި ކުލަބޮކިތައް ދިއްލާލެއްވީ މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މޭޔަރ ވިދާޅުވީ އެންމެ އިސްކަން ދޭންޖެހޭނީ ދެ ޢީދު އެންމެ ކުލަގަދަކޮށް ފާހަގަކުރުން ކަމަށް ހުރިހާ ރައްޔިތުންވެސް ޤަބޫލުކުރައްވާނެ ކަމަށާއި، އެހެން ކަމުން މާލެސިޓީ ކައުންސިލުން އަޟްޙާ ޢީދަށް މަރްޙަބާ ކިޔުމަށް ޒަމާނީ ވިސްނުމެއްގައި ދުނިޔޭގެ ބައެއް އިސްލާމީ ޤައުމުތަކުގައި މިފަދަ އިސްލާމީ ޝިޢާރުތައް ފާހަގަކުރާގޮތަށް މާލެ ސިޓީ ކައުންސިލުންވެސް ރަސްމީ ޖަލްސާގައި މަޝްވަރާކޮށް މިގޮތަށް މާލެސިޓީ ޒީނަތްތެރިކުރުމަށް ނިންމެވީ ކަމަށެވެ
https://twitter.com/MaleCitymv/status/1673400445195403264?s=20
ބޮކިތައް ދިއްލާލުމަށްފަހު މޭޔަރު މުޢިއްޒު ވިދާޅުވީ، ރާއްޖެއަކީ 100 ޕަސެންޓު މުސްލިމް ޤައުމަކަށްވާއިރު އަދި މާލެއަކީ ވެރިކަން ކުރާ ރަށަށް ވާއިރު، ޢިދު ފަދަ މުސްލިމުން ފާހަގަ ކުރާ މުނާސަބަތުތައް ވަރަށް ރަސްމީކޮށް ފާހަގަކުރަން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި މުސްލިމުންނަށް އަންނަ އެންމެ ޚާއްސަ ދެ މުނާސަބަތަކީ އަޟްޙާ ޢީދާއި ފިތުރު ޢީދު ކަމަށްވީނަމަވެސް އެހެން މުހިންމު ދުވަސްތައް ކުލަބޮކިން ޒީނަތްތެރި ކުރާއިރު، އިސްލާމުންނަށް އެންމެ މުހިންމު މުނާސަބަތުތައް މިފަދައިން މީގެ ކުރިން ޒީނަތްތެރި ކުރެވިފައިނުވާކަން މޭޔަރ ފާހަގަ ކުރެއްވިއެވެ.
https://twitter.com/MMuizzu/status/1673404268869750787?s=20
އަޟްޙާ ޢީދަށް މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެގޮތުން މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި މާލެ ސިޓީ ކައުންސިލުން ވަނީ ހަރުކޮށްފައެވެ.
ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެ ގޮތުން މާލެސިޓީ ކައުންސިލުން ވަނީ "ޢީދު މުބާރަކް" ގިޑިގެ ތަކާއި ޑިޒައިންތަކަށް ހަދާފައިވާ ގިޑިގެތަކުގައި ބޮކިފަތި ހަރުކޮށްފަ އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.