1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޖުލައި 7 އިން ފެށިގެން ދިވެހި ޙައްޖުވެރިން އެނބުރި އަންނަން ފަށާނެ

hajj
ދިވެހި ހައްޖާޖީން - ފޮޓޯ: މޯލްޑިވްސް ހައްޖު މިޝަން
މުހައްމަދު އަޚްތަރު
283ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

1444 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށްދިޔަ ޙައްޖުވެރިން އަންނަމަހުގެ 7 އިން ފެށިގެން ރާއްޖެ އަންނަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިއަހަރު ރާއްޖެއަށް ޙައްޖަށް މީހުން ގެންދިޔުމަށް ލިބުނު 1000 ކޯޓާގެ ދަށުން ޙައްޖު ކޯރޕަރޭޝަންގެ އިތުރުން އަމިއްލަ 3 ގްރޫޕެއްގެ ޙަވާލުގައި ދިވެހިން ޙައްޖަށްގޮސްފައިވެއެވެ. އެގޮތުން މޯލްޑިވްސް ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި 881 ޙައްޖުވެރިން ގޮސްފައިވެއެވެ. ރާއްޖޭން ދެން ޙައްޖަށް މީހުން ގެންދިޔަ ގްރޫޕްތަކަކީ، އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ގުރޫޕް، ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕް، އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ސަޢުދީއަށް ދިޔަ ދިވެހި ޙައްޖުވެރިން އަންނަމަހުގެ 7 އިން ފެށިގެން ރާއްޖެ އަންނަން ފަށާނެކަމަށެވެ. އެގޮތުން ދިވެހި ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 6 ފްލައިޓެއްގައެވެ.

300 × 250

އެންމެ ފުރަތަމަ 2 ފްލައިޓް އޮތީ ޖުލައި 7 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއައުމަށް ހަމަޖެހިފައިވަނީ އަލްމަނާސިކާއި ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ދިޔަ ޙައްޖުވެރިންގެ ގްރޫޕެވެ. 3 ވަނަ ފްލައިޓުން ޖުލައި 10 ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީވެސް ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ދިޔަ ގްރޫޕެކެވެ.

ޖުލައި 11 ވަނަ ދުވަހު 4 ވަނަ ފްލައިޓުން ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ޙަވާލުގައި ދިޔަ ޙައްޖުވެރިން އައުމަށް ވަނީ ހަމަޖެހިފައެވެ. ދިވެހި ޙައްޖުވެރިން ގޮވައިގެން އަންނަ 5 ވަނަ ފްލައިޓް ޖުލައި 12 ވަނަ ދުވަހަށް ޝެޑިއުލްކޮށްފައިވާއިރު، އެ ދުވަހުގެ ފްލައިޓުން ރާއްޖެ އަންނާނީ އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ޙަވާލުގައިދިޔަ ޙައްޖުވެރިންނެވެ.

ދިވެހި ޙައްޖުވެރިން ގޮވައިގެން ރާއްޖެ އަންނަ އެންމެފަހު ފްލައިޓް އަންނާނީ ޖުލައި 14 ވަނަ ދުވަހުއެވެ. އެންމެފަހު ގްރޫޕެއްގެ ގޮތުގައި އެ ދުވަހު ރާއްޖެ އަންނާނީ ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައިދިޔަ ޙައްޖުވެރިންގެ ފަހު ގްރޫޕެވެ.

ރާއްޖެއިން މިއަހަރު ޙައްޖަށްދިޔަ ޙައްޖުވެރިންގެ ތެރެއިން 2 ދިވެއްސެއްގެ ޙާލު ސީރިއަސްވެ، އައި.ސީ.ޔޫގައި އަންނަނީ ފަރުވާދެމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 85 އަހަރުގެ ފިރިހެނަކާއި، 58 އަހަރުގެ އަންހެނެކެވެ. އެހެން ހުރިޙާ ޙައްޖުވެރިންގެ ޙާލުވެސް އާއްމުގޮތެއްގައި ރަނގަޅުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި