1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
މުނިފޫހިފިލުވުން

ކުރު ވާހަކަ: އޯގާތެރި ހިތަކުން ލޯތްބާއެކު؛ ޑިޕްރެޝަނުގެ އެޙާލަށް ލޯބިވާމީހާ އެކަނި ދޫކޮށްނުލާށެވެ!

ލޯތްބާއި އޯގާތެރިކަމާއެކު އަނބީމާއށް ހޭހަންކޮށްދެނީ --- ފޮޓޯ: އޭއައިގެ އެހީގައި ޝައްފަ
މަރްޔަމް ޝަފާ ސައީދު
956ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޒައިދާއި ނުހާގެ ކައިވެންޏަށް ދޮޅު އަހަރު ފުރިގެން ދިޔައިރު، އެ ދެމީހުންގެ ދިރިއުޅުމަކީ ގިނަ ބަޔަކު ހަސަދަވެރިވާ ފަދަ އުފާވެރި ދިރިއުޅުމެކެވެ. އެންމެ ފުރަތަމަ ދުވަސްކޮޅު ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ފުރިހަމަކޮށެވެ. ނަމަވެސް، ކައިވެންޏަށް އަހަރެއްހާ ދުވަސް ވީތަނާ ނުހާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. ކުރިން ގޭތެރެ އަބަދުވެސް ސާފުކޮށް، މީރު ވަސް ދުއްވާފައި ހުންނަ ނަމަވެސް، މަޑުމަޑުން ގޭތެރެ ހަޑިވާން ފެށިއެވެ. ނުހާ ފެންވަރާ ރީތިވެލައިގެން ހުންނަ ތަނެއް ނުފެނެއެވެ. ޒައިދު އޮފީހުން އަންނައިރު ގިނަ ފަހަރަށް ނުހާ އޮންނަނީ ކޮޓަރީގައި ނިދާފައެވެ. ނުވަތަ އެނދުގައި އޮށޯވެލައިގެން ފާރަށް ބަލަހައްޓައިގެންނެވެ. ވާހަކަ ދައްކަން ބޭނުންނުވާ ކަހަލައެވެ. ޒައިދު އެއްޗެއް ބުނުމުން ބައެއްފަހަރު އެއްވެސް ސަބަބަކާ ނުލައި ރޮއެގަނެއެވެ. އަނެއްބައި ފަހަރު ކުއްލިއަކަށް ރުޅިއައިސް ހަޅޭއްލަވައިގަނެއެވެ. ޒައިދުގެ ދިރިއުޅުން މުޅިން ބަރުބާދުވީ ކަހަލަ އިހުސާސެއް ކުރެވެން ފެށިއެވެ. އޭނާ ވަރަށް ދެރަވިއެވެ. ހިތަށްއެރީ ނުހާ މިހެން މިހަދަނީ ކީއްވެބާއޭ، އޭނާއަށް ކުރެވުނު ކުށަކީ ކޮބައިބާއޭ އެވެ.

މި ހާލަތުގެ ސަބަބުން ޒައިދު ގޭގައި އުޅޭ ހިތް ކެނޑުނެވެ. އޮފީސް ނިމުމަށްފަހު ގެއަށް ވަންނަ ހިތެއްވެސް ނުވެއެވެ. ގެ އޮންނަނީ ވަރަށް ހަޑިކޮށެވެ. ވަރުބަލިވެފައި ހުރެ ގެއަށް އައިސް ގޭތެރެ ކުނިކަހައި ސާފުކުރަނީވެސް ޒައިދެވެ. ބައެއް ފަހަރު ކައްކާނެ ވަރު ނެތުމުން ބޭރުން ކާއެއްޗެހި ގެނެސްގެން ކައި އުޅެން މަޖުބޫރުވެއެވެ. މި ހިތްދަތި ދިރިއުޅުމުގެ ވާހަކަތައް ޒައިދު އޭނާގެ އެންމެ ގާތް ރައްޓެހިންނާ ވަރަށް ލަދުން ހުރެވެސް ހިއްސާކުރިއެވެ. އަދި އެންމެ ފަހުން ގޮތް ހުސްވެގެން ނުހާގެ މައިންބަފައިންނަށްވެސް ގުޅައިގެން ކިޔައިދިނެވެ.

ނުހާގެ މަންމަގެ ފަރާތުން ޒައިދަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. މަންމަ ރޮމުން ބުނީ ނުހާއަކީ ވަރަށް ކުރިއްސުރެ ޑިޕްރެޝަނަށް ފަރުވާ ކުރަމުން އައި ކުއްޖެއް ކަމަށެވެ. އަދި ގަވާއިދުން ބޭސްވެސް ބޭނުންކުރަމުން ދިޔަ ކަމަށެވެ. އެކަމަކު ޒައިދާ ކައިވެނިކުރުމަށްފަހު، ނުހާ އެ ބޭސް ކެއުން ހުއްޓާލީއެވެ. އެއީ ޒައިދު ފަދަ ލޯބިވާ ފިރިޔަކު ލިބުމުން، ބޭސް ނުކައިވެސް އޭނާ ހަމަޖެހި އުފާވާނެ ކަމަށް އަމިއްލައަށް ނިންމައިގެންނެވެ. މި ވާހަކަ އަޑުއަހާފައި ޒައިދު ވަރަށް ދެރަވިއެވެ. ރައްޓެހިވެގެން އެހާ ދުވަސްވެ، ކައިވެނިކޮށްގެން އުޅެމުންވެސް ނުހާ އޭނާއާ އެފަދަ ބޮޑު ސިއްރެއް ހިއްސާ ނުކުރީތީއެވެ. ޒައިދުގެ ހިތުގައި ނުހާ އާއި މެދު ރުޅިވެރިކަން އުފެދުނެވެ. ހިތަށްއެރީ މިއީ ބޮޑު އޮޅުވާލުމެއް ކަމަށެވެ. އަދި އޭނާއަށް ދިން ވަރަށް ބޮޑު ލަނޑެއް ކަމަށެވެ. އެތައް ރެޔަކު ނުނިދާ ވިސްނުމަށްފަހު، ޒައިދު ނިންމީ ނުހާ ވަރިކުރުމަށެވެ. އޭނާއަށް މި ކަހަލަ ހާސްކަމުން ފުރިގެންވާ ދިރިއުޅުމެއް ނޫޅެވޭނެކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. އޭނާ ބޭނުންވީ އުފާވެރި، ހަމަޖެހޭ ދިރިއުޅުމެކެވެ.

300 × 250

އެންމެ ފަހުން ހިތްވަރުކޮށްފައި ޒައިދު ގޮސް ނުހާ ގާތު އޭނާގެ ނިންމުން ހާމަކުރިއެވެ. އެ ވަގުތު ނުހާގެ މޫނުމަތިން ފެނުނީ އިންތިހާއަށް ބިރުވެރިކަމާއި ހިތާމައެވެ. އޭނާ ރޮއެގަނެފައި ޒައިދުގެ ދެފައިގައި ހިފާ އާދޭސްކުރަން ފެށިއެވެ. "އަހަރެން ދޫކޮށްނުލާށޭ! އަހަރެން މަރުވެދާނޭ!" ނުހާ ގިސްލަ ގިސްލާފައި ރޮމުން އާދޭސްކުރިއެވެ. އެ މަންޒަރު ފެނިފައި ޒައިދުގެ ހިތް ކުދިކުދިވިއެވެ. ކިތަންމެ ރުޅި އައިސްފައި ހުރި ނަމަވެސް، ޒައިދު ނުހާދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. ނުހާގެ އެ ކަރުނަތަކާއި އާދޭސްތަކުން ޒައިދުގެ ހިތް މަޑުވިއެވެ. ކޮންމެ ގޮތަކަށް ކަންތައްވިޔަސް އޭނާއަށް މަޢާފްކޮށް، އެހީތެރިވާން ޒައިދު ނިންމިއެވެ.

އެދުވަހަށްފަހު ޒައިދުގެ މިސްރާބު ބަދަލުވިއެވެ. އޭނާ އަވަހަށް ނުހާ ގޮވައިގެން ސިކުނޑީގެ ޑޮކްޓަރަކަށް ދެއްކިއެވެ. ޑޮކްޓަރުގެ ލަފާގެ މަތިން އަލުން ބޭސް ބޭނުންކުރަން ފެށުމުން، ނުހާއަށް ރޭގަނޑު ރަނގަޅަށް ނިދަން ފެށުނެވެ. ދެން ވަރަށް ރަނގަޅު ތެރަޕިސްޓެއް ކައިރިއަށް ގޮސް ކޮންމެ ހަފްތާއަކު އެއްފަހަރު ނަމަވެސް ކައުންސެލިންގ ސެޝަންތައް ނަގަން ފެށިއެވެ. މީގެ އިތުރުން ޒައިދު އޭނާގެ އަމިއްލަ ދިރިއުޅުމުގެ އާދަތައްވެސް ނުހާއަށް ވަގުތު ދެވޭ ގޮތަށް ބަދަލުކުރިއެވެ. ނުހާ ގޮވައިގެން ގިނައިން ބޭރަށް ގޮސް، ރީތި ރެސްޓޯރެންޓްތަކުން ކާންދީ، ފިލްމު ބަލަން ގޮސް، އަތިރިމައްޗަށް ހިނގާލަން ގޮސް ހެދިއެވެ. ޒައިދުގެ ރައްޓެހިންގެ ކައިރީގައި އަބަދުވެސް ނުހާއަށް ތަޢުރީފުކޮށް، އޭނާއަށް އިތުބާރު ހޯދައިދޭން މަސައްކަތްކުރިއެވެ.

މަސްތަކެއްގެ ބުރަ މަސައްކަތަށްފަހު، ޒައިދަށް އޭނާގެ ލޯބިވާ އަނބިމީހާ އަލުން އަނބުރާ ލިބުނެވެ. އޮފީހުގައި ހުއްޓަސް ޒައިދު ގުޅައި ނުހާގެ ހާލު ބަލައެވެ. މިއަދު ނުހާއަކީ ވަރަށް މަސައްކަތްތެރި އަންހެނެކެވެ. ގޭގައި އިނދެގެން އަމިއްލަ ކުޑަ ވިޔަފާރިއެއް ފަށައިގެން ވަރަށް ކާމިޔާބުކަމާއެކު ހިންގަމުން އަންނަ މީހެކެވެ. އެއީ ކުރިން ފެނުނު މާޔޫސްވެފައިވާ ނުހާއެއް ނޫނެވެ. ދީނީ ކަންކަމަށްވެސް ނުހާ ވަރަށް ފަރުވާތެރިވެއްޖެއެވެ. ބަރާބަރަށް ނަމާދުކޮށް، ޒައިދުވެސް އަޅުކަމުގައި ބައިވެރިވުމަށް ހިތްވަރުދެއެވެ. ޒައިދު ގެއަށް އަންނައިރު ގޭތެރެ އޮންނަނީ ވަރަށް ހިތްގައިމުކޮށް މީރު ވަސް ދުއްވާފައެވެ. މީރުކޮށް ކާއެއްޗެހި ތައްޔާރުކޮށްފައި ހުންނައިރު، ނުހާ ހުންނަނީ ރީތިވެ ނަލަވެލައިގެން ޒައިދުގެ އިންތިޒާރުގައެވެ.

އަދިވެސް ބައެއް ފަހަރު ނުހާއަށް މާޔޫސްވާ ދުވަސްތައް މަދުން ނަމަވެސް ދިމާވެއެވެ. އެކަމަކު ޒައިދު ހުންނަނީ އެކަމަށް ތައްޔާރުވެގެންނެވެ. އޭނާގެ ލޯތްބާއި އަޅާލުން އަބަދުވެސް ނުހާއަށް ދެއެވެ. ނަފްސާނީ ބަލިމަޑުކަމަކީ އިންސާނާގެ ބާރުގެ ދަށުގައިވާ ކަމެއް ނޫނެވެ. މިފަދަ ހާލަތްތަކުގައި ބައިވެރިޔާ ބާކީކޮށްލުމުން އެމީހުން މުޅިން ގޮތް ހުސްވެގެންދެއެވެ. އޭގެ ބަދަލުގައި އެމީހުންނަށް އޯގާތެރިކަމާއެކު ފުރުޞަތެއް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ފަސޭހަ ކަމެއް ނޫނަސް، ކެތްތެރިކަމާއެކު ކުރާ މަސައްކަތުގެ ނަތީޖާ ވަރަށް ފޮނިވާނެއެވެ. ޒައިދާއި ނުހާގެ ދިރިއުޅުމަކީ މިއަދު އޭގެ ދިރިހުރި މިސާލެކެވެ.
=- ނިމުނީ- =

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި