ވެރިކަމަށް ކުރިމަތިލެއްވީ އެއްވެސް އަމިއްލަ އެދުމެއް ނެތި ގައުމު އިސްކޮށްގެން ކަމަށާއި ބޭނުންވަނީ ރައްޔިތުންނަށް ޚިދުމަތްކުރައްވަން ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ލީޑަރ އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ އެ ޕާޓީގެ "ނުއިވޭ އަޑު" ޕްރޮގްރާމްގައި " ދިވެހި ރާއްޖޭ ކޮރަޕްޝަންގެ ވިލާގަނޑެއްގެ ދަށުގައި" މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުންނެވެ. އެ މައުޟޫއަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ރިޔާސީ ނިޒާމުގެ ތެރޭގައި ޒިންމާދާރު ކުރުން ވަރަށް ރަނގަޅަށް ހަމަޖެހިފައި އޮތް ނަމަވެސް، ފެނިގެން ދަނީ ޒިންމާރު ކުރުވުން އެއްވެސް ވަރަކަށް ނުހިނގާ ތަން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުމުން ތިބެނީ ލޯ މަރާލައިގެން ކަމަށާއި ރާއްޖޭގެ ހިންގުމުގެ ސިސްޓަމް ފެއިލްވެފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުނީމަ މި ތިބެނީ ލޯ މަރާލައިގެން އެ މީހުން ލައްވާ އެކަން ކުރުމަށް، ޕާލިމެންޓް މެންބަރުންނަށް ވަޒީފާތައް ލިބުނީމަ އެ މީހުން ހިތްހަމަޖެހުން އާދޭ، އަދި އެކި ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުން ގެނައީމަ ބިރުން އެއްޗެއް ބުނަން ނުކެރިގެން ތިބޭ މަންޒަރު ފެނިގެން ދަނީ"

އެގޮތުން ރާއްޖޭގެ ކޮރަޕްޝަން ހުރި މިންވަރަކީ ބުނެދީ ކޮޅުންލާން އޮތް ކަމެއް ނޫން ކަަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކަންކަން ޒިންމާދާރު ކުރުމަށް ރައްޔިތުން މަޖިލީސް، އަދި އެކިކަހަލަ ތަފާތު ޝަރުއީ މައްސަލަތައް ދިމާވުމުން ޖުޑިޝަރީން އެކަމާއި ފިޔަވަޅު އަޅަންޖެހޭ އިރު އޭގެން އެއްވެސް ކަމެއް ފެނިގެން ނުފދާކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. ހަމަ އެހެންމެ ދައުލަތުގެ ކުންފުނިތަކުން ހިންގާ ކޮރަޕްޝަން ބެލޭ ތަނެއް، މަޖިލީހުގެ ކޮމެޓީތަކަށ ްމީހުން ހާޒިރު ކުރެވޭ ތަނެއްވެސް ފެނިގެން ނުދާކަން އޭނާ ފާހަގަކުރެއްވިއެވެ. މިހުރިހާ ކަމެއް މިހެން ހުރުމުގެ ސަބަބުން އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެންމެން ނުކުމެ މި ހިނގާ އެމްޑީޕީގެ ވެރިކަން ނިމުމަކަށް ގެންނަންޖެހޭ ކަމަށާއި، އެކަން ނުކޮށް ތިބެއްޖެނަމަ އަންނަންއޮތް ޖީލު ހިތާމަކުރަންޖެހޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން އެެބަ ޖެހޭ ސެޕްޓެމްބަރު 9ގައި ނުކުމެ މި ވެރިކަން ނިމުމަކަށް ގެންނަން. އަޅުގަނޑުމެން އެބަ ޖެހޭ އެކަން ކުރަން، އެކަން ނުކޮށް އަޅުގަނޑުމެން ތިބެއްޖެއްޔާ އަޅުގަނޑުމެންގެ ދަރިންގެ ދަރިން ހިތާމަ ކުރާނެ".

މީގެ އިތުރުން އޭނާ ވިދާޅުވީ މިހާރު ފެންނަނީ ކޮރަޕްޝަނަށް އަޅާ ނުލާ ލޯ މަރާލައިގެން ތިބޭ މަންޒަރު ކަމަށާއި،  ރާއްޖެއިން ކޮރަޕްޝަން މަދުކުރެވިއްޖެނަމަ ރާއްޖެއިން ގެއްލޭ ފައިސާ މަދުވެ، އެ ފައިސާތައް ރައްޔިތުންނަށް ދާނެ ކަމަށެވެ.