އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީއިން (ޖޭޕީ) ނިންމީ ވަރަށް ވިސްނުންތެރި ކަމާއިއެކުގައި ކަމަށް އެ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަގުތު ނޫހަށް ގާސިމް ދީފައިވާ އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ ވިސްނުންތެރިކަމާއެކު ކަމެއް ކުރުމުން އެކަމުން މޮޅު ލިބޭނެ ކަމަށް މުސްކުޅިން ބުނާ ކަމަށާއި ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެބޭފުޅުން ނިންމީވެސް ހަމަ އެފަދައިން ކަމަށެވެ.' މީގެ އިތުރުން ރިޔާސީ އިންތިހަބުން މޮޅު ވާނެ ކަމާމެދު ޝައްކުނުކުރާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"މުސްކުޅިންވެސް ބުނެއުޅޭ. ވިސްނުންތެރިކަމާއިއެކު ކަމެއް ކުރީމައިކަން މޮޅުކަމަކަށް މިވަނީ. އެހެންވީމާ އިރާދަކުރެއްވިއްޔާ މިއިންތިހާބުގައި އަޅުގަނޑުމެން ކާމިޔާބުކުރާނަން. އެއްވެސް ޝައްކެއް ނެތް އަޅުގަނޑަކަށް."

މިހާރުން ފެށިގެން އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަން ފާހަގަކޮށް ގާސިމް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކެމްޕެއިންތައް ފަށައިން ކުރިއަށް ދާ ކަމަށެވެ. އަދި އިންތިހާބަށ ްކުރިމަތިލުމުގެ ފުރުސަތު އޮގަސްޓް 23 ވަނަ ދުވަހުގައި ހުޅުވާލާއިރު ކެންޑިޑެންސީ ފޯރމް ހުށަހަޅުއްވާނެ ގާސިމްވަނީ ފާހަގަކޮށްފައެވެ. ކުރިއަށް ރިޔާސީ އިންތިހާބަށް ޖޭޕީން ކުރިއަށްގެންދާ ކެމްޕެއިންގައި ގާސިމް ވަނީ ދެ ކެމްޕެއިން މެނޭޖަރުން ކަނޑައަޅުއްވައިފައެވެ. ދެކުނަށް ކަނޑައަޅާފައިވަނީ ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދެވެ. އުތުރުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖެއްސީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމެވެ.