ހުުވަދު އަތޮޅުގައި ފެށި އެމްޓީސީސީގެ އާރްޓީއެލް ފެރީގެ ހިދުމަތުގެ އަގުތަށް މިއަދު އިއުލާންކޮށްފިއެވެ. އާރުޓީއެލް ފެރީގެ ދަތުރުތައް މިހާރު ހުވަދު އަތޮޅުގެ ހުރިހާ ރަށްތަކަށް ފަށާފައިވާއިރު ހަފްތާއެއްގެ މުއްދަތަށް ހިދުމަތްދެމުން ގެންދަން ނިންމާފައިވަނީ މުޅިން ހިލޭއެވެ. ދަތުރުތަކުގެ އަގުތަކަށް ބަލާއިރު، މިކަމުގެ ސަބަބުން ކުޑަ އަގެއްގައި ދަތުރުކޮށްލުމުގެ ފުރުސަތު ފަހިވެގެން ދިޔަކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން، ދެ އަތޮޅުގެ އެކި ރަށްތަކުގެ ދަތުރުތަކަށް ނަގަން ކަނޑައަޅާފައި ވަނީ 35ރ އާއި 125ރ އާ ދެމެދުގެ އަގެކެވެ. މީގެ ކުރިންނަމަ އަތޮޅުގެ ގިނަ ރަށްތަކުން ތިނަދޫއަށް ދިޔުމުގެ އެއްކޮޅު ޓިކެޓްގެ އަގު އުޅެނީ އެންމެ ކުޑަކޮށްވެސް 250/- ވަރު ހޭދަވެއެވެ. މީގެ ކުރިން ތިނަދޫން ކާޑެއްދޫއަށް 300ރ. އާއި 500ރ. ދެމެދުގެ އަގެއް ނަގަމުން ދިޔަ ދަތުރުތަކަށް، އާރްޓީއެލް ފެރީގައި ދަތުރު ކުރާނަމަ ދެން ނަގާނީ 35ރ. އެވެ. ދެކޮޅު ދަތުރަށް ނަގާނީ 65ރ. އެވެ.
ހައި ސްޕީޑް ލޯންޗް ފެރީގެ ހިދުމަތް ހުވަދު އަތޮޅުގައި ފެށީ މީގެ ދެ ދުވަސް ކުރިންނެވެ. ފުރަތަމަ ދުވަސްކޮޅު ހަ ހައި ސްޕީޑް ފެރީން ހުވަދު އަތޮޅަށް ހިދުމަތް ދެމުންގެންދާނެއެވެ. މި އުޅަނދުތަކުގެ ކައްޕިންނާއި ފަޅުވެރިންނަކީ މި މަސައްކަތަށް ބޭނުންވާ ޙާއްޞަ ތަމްރީންތަށް ފުރިހަމަކޮށްފައިވާ މުވައްޒަފުންތަކެއް ކަން އެމްޓީސީސީން ފާހަގަކުރިއެވެ. މި އުޅަނދު ތަކުގައި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޙާއްސަ ކުރެވިފައިވާ ވީލްޗެއަރ ސްޕޭސް އާއި ސްޓްރެޗަރ ސްޕޭސް ހުންނާނެއެވެ.
އެ ކުންފުނިން މި ހިދުމަތަަށް ބޭނުން ކުރާ ފެރީތަކަކީ ޖުމްލަ 50 ފަސިންޖަރުންނަށް އަރާމު ކަމާއެކު ދަތުރުކޮށްލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެއާކޮންޑިޝަން އުޅަނދުތަކެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.