އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސި އިންތިހާބުގައި ރީ- ރެޖިސްޓްރީ ވުމަށް މާލޭގައި ހުރި އެމްޑީޕީގެ ޖަގަހަތަކުން އެހީތެރވެދޭނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

ރިޔާސީ އިންތިހާޞާއި ގުޅިގެން ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ- ރަޖިސްޓްރީކުރަން މިދިޔަ އާދިއްތަ ދުވަހު ހުޅުވާލި، ނަމަވެސް އެކަމަށް ލިބެމުންދާ ތަރުހީބު ކުޑަކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ)އިން ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން، އެމްޑީޕީން ވަނީ ރީ- ރެޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދިނުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ. އެގޮތުން މާލޭގައި ހުންނަ ދަނޑިކޮށި ޖަގަހަ އާއި ސޯސަން ޖަގަހަ އާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ޖަގަހައިން ރީ ރަޖިސްޓްރޭޝަނަށް އެހީތެރިވެދޭނެ ކަމަށް އެ ޕާޓީން ހާމަކުރެއެވެ.

ރާއްޖެ އިން ބޭރުގައި ދިރިއުޅޭ މީހުންނާއި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ މީހުންނަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ނަމަވެސް އޮންލައިން ޕޯޓަލް، https://form.elections.gov.mv މެދުވެރިކޮށް ފޯމު ހުށަހެޅޭނީ މި މަހުގެ 31 ވަނަ ދުވަހާ ހަމައަށެވެ.