މާލެ ސަރަހައްދުގައި މި ދުވަސްވަރު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިނގުމަކީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މި ވައިރަސްއައި ގުޅިގެން ގިނަގިނައިން އަތް ދޮވުމަށާއި، ބޭނުންކުރާ ޓިޝޫ ފަދަ ތަކެތި ރައްކާތެރިގޮތުގައި އުކާލުމަށާއި، ބްލީޗް ބޭނުންކޮށްގެން ދިރިއުލޭ ތަން ސާފުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން މި ވައިރަލް ރޯގާއަކީ، ހޭންޑް ސެނިޓައިޒަރު އެކަނި ބޭނުންކުރުމުން ރައްކާތެރިކޮށްދޭ އެއްޗެއް ނޫންކަމަށާއި، އެހެންކަމުން ރަނގަޅަށް ސައިބޯނިލައިގެން އަތް ދޮންނަން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އަދި، މި ވައިރަސްއަކީ ބަންދު ތަންތަނާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަނުގައި ހަލުވި ކަމާއިއެކު ފެތުރޭ ވައިރަސްއެއް ކަމުން ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، ބަލީގެ އަލާމާތްތައް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިނުވުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.