ޑިމޮކްރެސީއިން ބަރީއަވެ އިސްލާމީ ޝަރީޢަތް ގެނެވިގެން މެނުވީ މި ޤައުމަށް އިސްލާހެއް ނުގެނެވޭނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ފަޒްލޫން ވިދާޅުވެއްޖެއެވެ. އޭނާ މިފަދައިން ވިދާޅުވީ މި ސަރުކާރުން މޫނުބުރުގާ މަނާކުރުމާއި، އެނޫންވެސް މި ޤައުމުގަ ހިނގާ މުންކަރާތްތަކަށް ޢިޝާރަތްކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޝެއިޚް ފަޒްލޫން ވިދާޅުވީ މޫނުބުރުގާ މަނާކުރުމާއި އަދި އެ ނޫންނަސް، ރާއްޖޭގައި ހިނގާ ހުރިހާ މުންކަރާތެއްގެ އަޞްލު ގުޅިފައިވަނީ ދިވެހިރާއްޖޭގެ ވެރިކަން ހިންގުމަށް ހިޔާރުކޮށްފައިވާ ޑިމޮކުރެސީގެ ކުފުރީ ނިޒާމު ކަމުގައި ވިދާޅުވެފައެވެ. މިއާއިއެކު އޭނާ ވިދާޅުވީ ޑިމޮކްރެސީއިން ބަރީއަވެ އިސްލާމީ ޝަރީޢަތް ގެނެވިގެން މެނުވީ މިކަންކަމަށް އިސްލާހެއް ނުގެނެވޭނެ ކަމަށެވެ. https://twitter.com/fzlunx/status/1685336883541282816?s=20

ސަރުކާރުން މޫނުބުރުގާ އެޅި އަންހެނުންނަށް ކުރިމަތިކުރުވާ ހުރަސްތަކާއި ގުޅިގެން އެ ފަރާތްތަކުގެ ޙައްޤުގައި ހޮނިހިރު ދުވަހު އިޙްތިޖާޖެއް ކޮށްފައިވާއިރު، މޫނުބުރުގާ އަޅާ ކަނބަލުންގެ ދިފާޢުގައި ކުރިއަށްދިޔަ އިޙްތިޖާޖް ބާއްވާފައިވަނީ ޓީޗަރުންނަށް މޫނު އަޅައިގެން ކިޔަވައިދިނުން މަނާ ކުރާތީ އާއި ވަޒީފާގެ ފުރުޞަތުތަކުން އެ ކަނބަލުން މަޙުރޫމް ކުރަމުންދާތީއެވެ.

ދާދިފަހުން އެޑިއުކޭޝަން މިނިސްޓްރީގެ އާ އުސޫލު އާންމުކޮށްފައިވާއިރު، އެ އުސޫލުގައިވަނީ މޫނުބުރުގާ އެޅުން މަނާކޮށް ކިޔަވައިދެވޭނީ ކާކުކަން އެނގޭ ގޮތަށް ކަމަށް ހިމަނާފައެވެ.

މިކަމާއިގުޅިގެން ކުރި އިޙްތިޖާޖްގެ ޑިމާންޑެއްކަމަށް ބުނެފައިވަނީ މޫނު ބުރުގާ އަޅައިގެން ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވުމާއި ތައުލީމް ދިނުމަށް ހުރަސް އެޅިދާނެ ގޮތަށް ދެމާނަ ދޭހަވާ ގޮތަށް އޮތް މާއްދާ އުވާލައި ސާފު ނައްސުން މޫނު ބުރުގާ އަޅައިގެން ތައުލީމީ ދާއިރާގައި ހަރަކާތްތެރި ވެވޭނެ ކަމާއި ތަޢުލީމް ދެވޭނެކަމަށް އުސޫލުގައި ބަޔާންކުރުމެވެ. ސަރުކާރުން މޫނުބުރުގާ އެޅި އަންހެނުންނާއި މެދު ގެންގުޅޭ ތަފާތުކުރުންތަކާއި ގުޅިގެން ޝެއިޚް ސައުދާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ފަރަގުތައް ނަންތާލާނަންކަމަށްބުނެ ވީ ވަޢުދުގައި ކޮޅުފައިންޖަހާ ނިގާބު އެޅި އުޚްތުންގެ ޙައްޤުތައް ނިގުޅައިގަތްބަޔަކަށް ދެވަނަ ދައުރެއް ނުދެވޭނެ ކަމަށެވެ. އަދި ކިރިޔާވެސް ލަދުހަޔާތެއް ހުރި ނަމަ މިއަދު އެ ކަނބަލުން އިހްތިޖާޖުކުރާކަށް ނުޖެހުނީސް ކަމަށް ޝެއިޚް ސައުދާން ގެ ޓްވީޓްގައި ވިދާޅުވިއެވެ. މިސަރުކާރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވީ އެއް ވަޢުދަކީ މޫނުބުރުގާ އަޅާ އަންހެނުންނާއިމެދު ތަފާތުކުރުން ނުގެންގުޅޭނެ ކަމުގެ ވަޢުދެވެ. އެހެން ނަމަވެސް މޫނުބުރުގާ އަޅައިގެން ޢަރަބިއްޔާ އަންހެން ދަރިވަރުން ސްކޫލަށް ދިއުން މަނާކޮށް، ޓީޗަރުން މޫނުއަޅައިގެން ކިޔަވައިދިނުން މަނާކޮށްފައިވާތީ ގިނަ ޢިލްމުވެރިންނާއި އެތައް އާންމު ރައްޔިތުންގެ ފާޑުކިޔުން ވަނީ މި ސަރުކާރަށް އަމާޒުވެފައެވެ.