ޕީޕީއެމް ޕީއެންސީ ކޯލިޝަންއިން ވަކި ގޮތެއް ނުނިންމި ނަމަވެސް، ޕީއެންސިގެ ފަރާތުން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ނިންމާފައިވާ، މާލޭގެ މޭޔަރ މުއިއްޒުގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަންއަށް ހުށަހަޅަން ނިންމައިފިއެވެ.
ރާއްޖޭގެ މީޑީއާ އަކަށް ނަން ނުޖެހުމަށް އެދި އެ ކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވެފައިވާ ގޮތުގައި، ކޯލިޝަންއިން ސީދާ ގޮތެއް ނުނިންމި ނަަމަވެސް، މާދަމާ މުއިއްޒުގެ ފޯމް އީސީއަށް ހުށަހަޅާނެ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް މިއަދު ސުޕްރީމް ކޯޓުންވަނީ ނިންމާފައެވެ. އަދި މި މައްސަލާގައި ޕިޕީއެމް އަދި ޕީއެންސީ ތެރޭގައި ދެބަސްވުންތަކެއް ހުރިކަން ފާހަގަކޮށްލަންޖެހެއެވެ.
ސުޕްރީމް ކޯޓުގެ އެ ނިންމުމާއި އެކު، ޔާމީންވަނީ ރިޔާސީ އިންތިހާބުން ޕީޕީއެމް ބޮއިކޮޓް ކުރުމަށް އެ ޕާޓީގެ ފަރާތުން އެދޭކަމަށް ވިދާޅުވެ ނޯޓް އެއް ފޮނުވާފައެވެ.
ނަމަވެސް، އެ ޕާޓިގެ ސެނެޓްއިން މިއަދު ބައްދަލުކުރައްވާ އެ ގޮތަށް އަމަލުކުރުމަށް ވޯޓްއަށް އެހުމުން ޔާމިންގެ އެ އެދުން ފުރިހަމަ ވާގޮތް ވަނީ ނުވެފައެވެ.
އަދި ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރުމަށް ނިންމާފައިވާ ކަމަށާޢި، ރާއްޖެއަށް އަމާންކަން ގެނުވައި، ރައީސް ޔާމީންއަށް އިއްވާފައިވާ ހުކުމްއިން އެ މަނިކުފާނު މިނިވަންކުރެވޭނީ ޕީޕީއެމްއިން ރިޔާސީ އިންތިހާބުގައި ބައިވެރިވެގެން ކަމަށްވެސް ޕިޕީއެމްގެ ސެނެޓް ބައްދަލުވުމަށް ފަހު އެ ޕާޓީން ބުނެފައިވެއެވެ.
އަދި މި ބައްދަލުވުމުގެ ތެރޭގައި މެންބަރުން ދެބަސްވެސް އަރާރުން ހިނގާ، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަން ފާހަގަކޮށްލަންޖެހެއެވެ.
މީގެ އިތުރުން އޭރުވެސް މުއިއްޒުއަށް ތާއީދުކުރާ މެންބަރުން އިންތިހާބު ބޮއިކޮޓް ނުކުރެވޭނެ ކަމަށް ބުނަމުންދިޔަކަން ފާހަގަކޮށްލަންޖެހެއެވެ.
ޑރ. މުއިއްޒުގެ ކެންޑިޑެސީ ފޯމު މާދަމާ ހުށަހެޅުމަށް ނިންމާފައިވާއިރު، ރައީސް ޔާމީނަށް ތާއީދު ކުރާ ގިނަ މެމްބަރުން ދަނީ ޔާމީނުގެ އެންގެވުމާ އެއްގޮތަށް ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރުމަށް ގޮވާލަމުންނެވެ. އަދި އެ ފަރާތްތަކުން ވަނީ ރިޔާސީ އިންތިހާބުގައި މުއިއްޒު ވާދަ ކުރެއްވި ނަމަވެސް ވޯޓު ނުދޭނެކަމަށް ނޫސްވެރިންގެ ކުރިމަތީގައި މިއަދު ގޮވައި ހަޅޭއްލަވައިފަ އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.