ގދ.ތިނަދޫ އަށް ގިނަ އަދަދެއްގެ ފުލުހުން ޖަމާވެއްޖެއެވެ.

ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ތިނަދޫ އަށް ފުލުހުން ގޮސްފައި ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅަށް ވަޑައިގަންނަވާތީ ދަތުރުގެ ސެކިއުރިޓީީގެ ކަންތަކުގައި ކަމަށެވެ.

ހުވަދޫ މީޑިއާ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ ގެ ވަޤުތެއްގައި ހުވަދު އަތޮޅަށް ވަޑައިގަންނަވާނެއެވެ. އެމަނިކުފާނާ އެމަނިކުފާނުގެ ކެމްޕެއިން ޓީމު ހުވަދު އަތޮޅަށް ވަޑައިގެންނަވަނީ ކާޑެއްދޫ ވައިގެ މަގުންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވަދު އަތޮޅަށް މާދަމާ ދަތުރު ފައްޓަވާއިރު އެ މަނިކުފާނުގެ ބައެއް އިސް ވެރިން މިހާރު ދަނީ އަތޮޅުގެ އެކި ރަށްރަށުގައި ހަރަކާތްތެރިވަމުންނެވެ.

ރިޔާސީ ރޭހުގައި ޖެހިޖެހިގެން ދެވަނަ ދައުރަކަށް ވާދަ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވަދު އަތޮޅަށް ވަޑައިގަންވާއިރު ހުވަދު އަތޮޅުގެ ރަށް ތަކަށް ވެފައިވާ ގިނަ ވައުދުތައް ނުފުދިފައި ވާތީ އެރަށް ރަށުގެ ވެރިންނާއި ރައްޔިތުން ދަނީ އެކި މަންސުތަކުގައި ކަންބޮޑު ވުމާއި ޝަކުވާ ހާމަ ކުރަމުންނެވެ.