ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްގެ ވެރިކަން ރާއްޖެއައި ފަހުން ރާއްޖޭގެ ގައުމީ ވަންތަކަން ނެތިވެ، ޒުވާނުންގެ ހިތްތައް ފުޑުފުޑުކޮށް މުޅި ގައުމު ރޭޕްކޮށްފައިވާ ކަމަށް، މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު އެހެން ވިދާޅުވީ، އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. ދިއްދޫގައި ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގަ އެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، ކޮންމެ ނާމާން ކަމަކާއި އެކު އުންމީދެއް ވާނެ ކަމަށެވެ. އެ ގޮތުން ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން އެ ކޯލިޝަންއިން ނެރެފައިވާ ޑރ. މުހައްމަދު މުއިއްޒު އާއި ހަސަން ލަތީފު ރާއްޖޭގެ ހަގީގީ މިނިވަންކަމާއި އެކު ރާއްޖެ އޮންނަންޖެހޭ މިސްރާބަަށް ގެންދަވާނެ ކަމަށާއި، އަދި ކުރުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރުން ގެންދަނީ ހުއްޓުމެއްނެތި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް އަނިޔާކުރައްވަމުން ކަމަށާއި، ނަމަވެސް އެމަނިކުފާނަކީ ހިތްވަރުފުޅުފަދަ ބޭފުޅެއްކަމަށް ވެސް ސައީދު ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީންގެ ހިތްވަރު އެނގިގެންދާ އެންމެ ބޮޑުއެއް ކަމަކީ 1002 ދުވަހު ޖަލުގައި ހޭދަކުރެއްވުން ކަމަށާއި އަދި ރައްޔިތުންނަށްޓަކައި ކަމަށްވެސް ސައީދު ވިދާޅުވިއެވެ.