އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒުގެ ރަނިންގމޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ކެމްޕޭން ދަތުރުފުޅުފުޅެއްގައި މިއަދު ހުވަދު އަތޮޅަށް ވަޑައިގެންފިއެވެ.

ސެމްބެ ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އާއި، ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. އޭގެ އިތުރުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާއި ޕީޕީއެމް، ޕީއެންސީގެ ސެނެޓް ބައެއް މެންބަރުން ވެސް މިދަތުރުފުޅުގައި ބައިވެރިވެއެވެ.

ސެމްބެ އަކީ ހުވަދު އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރެވެ. އަދި މި ދަތުރުފުޅުގައި ސެމްބެގެ އުފަން ރަށް ކަމުގައިވާ ފަރެސްމާތޮޑާގައި މިރޭ ކެމްޕޭން ޖަލްސާއެއް ބާއްވާނެއެވެ.

ސެމްބެ ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ފުރަތަމަ ވަޑައިގަންނަވާނީ ކޮނޑޭ އަށެވެ. އެއަށްފަހު ކަނޑުހުޅުއަށް ވަޑައިގަންނަވާނެއެވެ. އެއަށްފަހު ދެން ވަޑައިގަންނަވާނީ ސެމްބެގެ ފަރެސްމާތޮޑާ އަށެވެ.

އަދި ސެމްބެ އާއި ކެމްޕެއިންޓީމު މާދަމާ ފިޔޯރީ، ރަތަފަންދޫ، ނަޑެއްލާ އަދި ތިނަދުއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ގއ.އާއި ގދ.ގެ އިތުރު ބައެއް ރަށްތަކަށް ވެސް ވަޑައިގަތުމަށްފަހު ސެމްބެ މާލެ ވަޑައިގަންނަވާނީ 19 ވަނަ ދުވަހު އެވެ.