ފްރީ ޓްރޭޑް އެއްބަސްވުމުގެ ދަށުން މަސްވެރިންނަށް ރަނގަޅު ފުރުސަތުތަކެއް ހޯދައި ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެ އެވެ.

ސަރުކާރާ އިދިކޮޅު ރަނިންމޭޓް ސެމްބެ މިހެން ވިދާޅުވީ އުފަން އަށް ކަމުގައިވާ ފަރެސްމާތޮޑާގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، މި ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން މަސްވެރިންގެ ކަންބޮޑުވުންތައް ބޮޑުވެފައިވާ ކަމަށާއި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެކަން ދެންނެވުމުން ވެސް ހައްލެއް ލިބިފައިނުވާ ކަމަށެވެ.

3000 ޓަނުގެ މަސް ކިރޭނެ ފެސިލިޓީ ފިޔޯރީގައި ގާއިމް ކުރާނެ ކަމާއި މި ސަރަހައްދުގެ މަސްވެރިންގެ އުދާސްތަކަށް ހައްލަކީ އެއީ ކަމަށް ވިދާޅުވަމުން ސެންބެ ވިދާޅުވީ ޕީއެންސީގެ ވެރިކަމެއްގައި މަސްވެރިންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދެއްވާނެ ކަމަށެވެ. ސެންބެ ވިދާޅުވީ މަސްވެރިކަމަށް ބަރޯސާވެފައި އޮންނަ ފަރެސް މާތޮޑާގެ މަސްވެރިން މިހާރު މަސް ކިރަން ބޮޑު ހޭދައެއް ކޮށްގެން ކޫއްޑޫއަށް ދާން ޖެހުނު ނަމަވެސް ގދ ފިޔޯރީގައި މަސް ކިރޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ.

މިހާރު ހިގަމުންދާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ސެންބެ ވިދާޅުވީ މަސް ކިރާފައި އެއަށް ހަމަ އަގެއް ލިބުމަކީ ވެސް މަސްވެރިން އެދޭނެ ކަމެއް ކަމަށާއި ޗައިނާއާ އެކު ޕީޕީއެމްގެ ސަރުކާރުން ހަދަން ނިންމި ފްރީ ޓްރޭޑް އެއްބަސްވުގެ ދަށުން، މަސްވެރިންނަށް ރަނގަޅު ފުރުސަތުތައް ހޯދައިދެއްވާނެ ކަމަށެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) އާއި އޭނާގެ ޓީމު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ގދ ތިނަދޫ އަށް ވަޑައިގަންނަވާނެއެވެ.