ސްކޫލްތަކުގެ ބޮޑު ޗުއްޓީއަށް ރައީސް އިބްރާޙިމް މުހައްމަދު ޞޯލިހްގެ ސަރުކާރުން ގެނައި ބަދަލު ރައްޔިތުންބަލައިނުގަންނަ ކަމަށާއި އެހެންކަމުން، ކުރިންވެސް އޮތްގޮތަށް ޑިސެންބަރަށް ސްކޫލްތަކުގެ ޗުއްޓީ ބަދަލުކުރާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވުމުން، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ނުރުހުން ފާޅުކޮށްފިއެވެ.

އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުގެ ތެރެއިން ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މުޢިއްޒު ވިދާޅުވީ މި ސަރުކާރުން އަހަރުގެ މެދަށް ސްކޫލުތަކުގެ ޗުއްޓީ ބަދަލުކޮށްފައިވަނީ ރައްޔިތުންނާއި މަޝްވަރާކުރުމެއް ނެތިވެ ކަމަށެވެ. އަދި އެފަދައިން ކަންތައް ކުރުމުގެ ސަބަބުން ބެލެނެވެރިންނާއި ދަރިވަރުންނަށް ރަނގަޅަށް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިގެން ނުދާކަމަށެވެ.

މުޢިއްޒުގެ މި ވިދާޅުވުމާއި ދެކޮޅަށް މީސް މިޑިއާގައި ރިސޯޓުތަކުގައި މަސައްކަތްކުރައްވަމުން ގެންދާ ފަރާތްތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ރިސޯޓުތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ތިބީ އެކަމާއި ވަރަށް ދެކޮޅަށް ކަމަށާއި، އެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނޭ ކަމަށްވެސް އެ ބޭފުޅުން ބުނެފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ މީޑިއާއަކަށް ދިން އިންޓަވިޔުއެއްގައި، ޓީމްގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާހިރު ވިދާޅުވެފައިވާ ގޮތުންގައި، މިހާރު ގެނެސްފައިވާ ބަދަލަކީ އެބޭފުޅުން ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްގެން ގެނެސްފައިވާ ބަދަލެކެވެ. އަދި އެޓީމް މެންބަރުންނާއި ރިސޯޓުތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކުން އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

އެގޮތުން ރިސޯޓުތަކުގެ ލޯ ސީޒަންގައި ދަތުރުފަތުރާއި އެކޮމޮޑޭޝަންގެ އަގު ހެޔޮވާ ކަމަށާއި، އަދި ޑިސެމްބަރ މަހުގައި ދެ ހަފްތާ ޗުއްޓީއެއް ލިބޭ ކަމަކާއި އެ މަހުގެ ޗުއްޓީ ބޭނުންވާ މީހުންނަށް އެ ދެ ހަފްތާ ބޭނުންކުރެވޭނެ ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.